ރައްޔިތުންގެ މަޖިލީސް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މަޖިލީހުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް
12 ނޮވެމްބަރ 2018 - 11:10
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ކަމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅި ސަބަބުތަކާ މެދު ހިނި އަންނަ ކަމަށާއި މެމްބަރަކަށް ހުންނަވައިގެން އަދާކުރެއްވީ އަމާނާތްތެރި މަސައްކަތެއް ކަމަށް، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގައި މަޖިލިސް ތަމްސީލް ކުރައްވާ ރިޒާ އެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ މަގާމުން ވަކި ކުރަން އުޅެނީ އަދާކުރައްވަން ޖެހޭ ޒިންމާ އަދާނުކުރައްވައިގެން ނޫން ކަމަށެވެ. ކޮމިޝަންގެ މެމްބަރަކަށް ހުންނަވައި، ކުރުން އެކަށީގެން ނުވާ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވި ގޮތުގައި ޖޭއެސްސީގެ މެމްބަރު ކަމުން ވަކި ކުރަން ޖެހޭ ކަމަށް ބުނެ، ދައްކަނީ އެއްވެސް އަސްލެއް އަދި ގާނޫނީ އަސާސެއް ނެތް ރޯ ބުހުތާނު ދޮގު ވާހަކަތަކެކެވެ. މެމްބަރަކަށް ހުންނަވައި އިހުމާލެއް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގަވާފައި ނުވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
"ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުރެގެން، އިހްލާސްތެރިކަމާއެކު މަސްއޫލިއްޔަތު މި ދަނީ އަދާކުރަމުން. މިއިން އެއްވެސް މަސްއޫލިއްޔަތަކަށް ފަރުވާ ކުޑަކޮށްފައެއް ނުވާނެ. ޖޭއެސްސީގެ މެމްބަރެއްގެ ހައިސިއްޔަތުން ހަވާލު ކުރި އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާފައެއް ނުވާނެ،" ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހޭދަ ކުރެއްވި ހަތަރު އަހަރުގެ ތެރޭގައި ޖޭއެސްސީން ބަލާފައިވާ އެއްވެސް މައްސަލައަކަށް ނުފޫޒެއް ފޯރުވައި، މަގާމުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ވެސް އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން، ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަން ފާހަގަ ކުރައްވައި ރިޒާ ވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ކޯޓަށް ވަޑައިގެން މަސައްކަތް ކުރަމުން ދިއުމަކީ، ސުލޫކީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ މައްސަަލައިގައި ބުނެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ރިޒާ ވިދާޅުވީ، ޖޭއެސްސީގައި ހުންނަވައިގެން ކޯޓުތަކަށް ވަކާލާތު ކުރަން ދިއުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއް ކަމަށް އެއްވެސް ގާނޫނެއްގައި އަދި ގަވާއިދެއްގައި ވެސް ލިޔެފައިނުވާ ކަމަށެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އާދަޔާ ހިލާފު އަދަދުތަކުން ލީގަލް ފީތައް ރިޒާ ނަންގަވަމުން ގެންދަވާ ކަމަށެވެ. އަދި ގާނޫނުއަސާސީން ލާޒިމް ކުރާ މަސްއޫލިއްޔަތުތައް ރިޒާ އަދާ ނުކުރައްވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.
ހާއްސަ ގޮތެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މައްސަލައެއްގައި ފީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ މިއީ ކޮރަޕްޝަން އެކުލެވޭ ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
އެކަމަކު، ރިޒާ ވިދާޅުވީ އެ ކުންފުނީގެ ދިފާއުގައި ވަކާލާތުކޮށް 42 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށް ކޯޓުން ނިންމައި، ކުންފުނި ސަލާމަތްކޮށް ދީފައިވާނެ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރު ކަމުން ވަކި ކުރަން ޖެހޭ ސަބަބަކީ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޖިލީހަށް ލަފާ ނުދިނުން ކަމަށް ބުނާ އިރު، މަޖިލީހަށް ލަފައެއް ނުދީގެން އުޅެނީ ކޮން މައްސަލައެއްގައި ކަން ފާހަގަކޮށްފައި ނެތް ކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާގެ ވާހަކަ މިއަދު ފެއްޓެވީ ޖޭއެސްސީގެ މެމްބަރު ކަމުން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީ ވަކި ކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ މެމްބަރުންގެ ސަމާލު ކަމަށް ގެންނަވަމުންނެވެ. ރިޒާ ވިދާޅުވި ގޮތުގައި އަފްރާޝީމްގެ މައްޗަށް ކުރީ އެއްވެސް އަސާސެއް ނެތް، ތާކުންތާކު ނުޖެހޭ ތުހުމަތުތަކެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް2040
12 November 2018
ޖޭއެސް ސީގައި ހުރެގެން ކުރިހާވެސް ކަމަކީ މަކަރާއި ހީލަތްހެދުން
ނުބައިހާނު
12 November 2018
ދައުލަތުން މުސާރަދެއްވާ ދައުލަތުގެ ވަކީލު ހުސްވަގުތުގައި ނުވަތަ އޮފްގަޑީގައި ނުވަތަ ޗުއްޓީގައި ހުންނަވައިގެން ދައުލަތުގެ ކުންފުންޏެއްގެ ދިފާޢުގައި ވަކާލާތު ކޮށްދީގެން އެ ކުންފުނިން ޢާއްމުކޮށް ވަކީލުން ވަކާލާތު ކޮށްދޭ އަގަށްވުރެ އެތައްހާސް ގުނައެއް ބޮޑުއަގުގައި އެތައް މިލިޔަން ރުފިޔާއެއް ވަކީލުގެ މުސާރައަށް ނެގުމަކީ ހާދަހާވާ ރީތި ނުހަނު މޮޅުކަމެކެވެ. ދެން އަތްޖަހާ!!!
ޖަމްބޯ
12 November 2018
ރިޒާ ޖޭއެސްސީގައި ހުރެގެން ކޯޓުތަކަށް ގޮސް ވަކާލާތުގެ ކޮށްގެން އެންމެ މައްސަލައަކުން 2.5 މިލިއަން ރުފިޔާ ނަގަން ލަދުނުގަނޭ ތޯ؟؟ ސިވިލް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރަކު ހުސް ވަގުތުގައި ވަކާލާތު ކުރުމެކޭ ކޮބަ ތަފާތެއް، ހަމަ ލަދުފުޅުވެސް ނުގަންނަނީ ދެއް ތޮ؟
ބައިރޯ
12 November 2018
ހެއް ހެއް
މިހާދު
12 November 2018
އެމްޕީއެލްގެ މައްސަލައަކީ އެއްވެސް ހާލެއްގައި އެމްޕީއެލްއާ ދެކޮޅަށް ނިމެން އޮތް މައްސަލައެއްނޫން. މައްސަލައިގެ ފެކްޓްތަކަށް ބަލައިފި ނަމަ އެއީ ވަރަށް އާދައިގެ މައްސަލައެއްކަން އެނގޭނެ. އެއްވެސް ގާނޫނީ އަސާސެއް ނެތި މީހަކު އެމްޕީއެލްއަތުން 42 މިލިޔަން ނަގަން ހުށަހެޅީމާ، 2 މިލިޔަން ރުފިޔާގެ ލޯޔަރު ފީއެއް ނަގާފަ ބުނަންވީތޯ 42 މިލިޔަން ނުދީ ސަލާމަތްކޮށްދިނީއޭ. ކަނޑައެޅިގެން ކޮރަޕްޝަން ހިމެނޭ މައްސަލައެއް.
ކޮލެޖު ބޯއި
12 November 2018
ރިޒާ އަށް ސުލޫކު ނޭނގޭތީ ހަމަ ހިނިއަންނަނީ. އެހެނީ ސުލޫކީ މިންގަނޑުތަކަކީ ގާނޫނު ގައި ގަވައިދުގައި ލިޔެވޭ އެއްޗެއް ނޫނޭ. ގާނޫނުގައި ލިޔެވުމުން ވާނީ ގާނޫނަށް. ގަވައިދުގައި ލިޔުމުން ވާނީ ގަވައިދަށް. ދެން މިވަރު ހަމަ ނޭގެނީ. ހަހަހަހަ.
ހަސަންް
12 November 2018
ޖޭއެސްސީގެ މެމްބަރު ކަމުން އެ ބޭފުޅާއަށް ވަކިކުރުމަކީ އެ ބޭފުޅާއަށް ގެއްލޭ ހައްގެއް ކަމަށް ނުވަތަ ދޭ ދެރައެއް ކަމަށް ދެކުމަކީ ގޯހެއް.. ޖޭއެސް ސީގާ އިނުމަކީ ލިބޭ ހައްގެއްނޫން.. 42 މިލިއަން ސަލާމަތް ކޮށް ދިނުމަކީ އޭނާއަށް އޭގެން 2.9 މިލިއަން ލިބުން ޖަސްޓިފައި ވާ ކަމެއ ްކަމުގާ ދެކޭނަމަ ގާނޫނީ ވަކީލު ކަމުގެ އެތިކްސް ވެސް ނެތީ.. އެހެނ ްވީމާ އަމުދުން ފަނޑޮޔާރުންގެ އެތިކްސް ކިހިނެއް ބަލާނީ...
ހުވަނި
12 November 2018
ހެލޯ އަމާނާތްތެރިކަމުގެ ޑެފިނިޝަނެއް ދެއްވަފާނަންތޯ؟
55559
12 November 2018
މި މީހުންގެ ބަސްމަގު ހުންނަގޮތުން ލޭކެކޭ ވަރުވޭ...ބަލަ ވަކީލުންގެ ސުލޫކީ މިންގަނޑުވެސް ނޭނގޭ..ކޮންމެ ކަމަކީ ގާނޫނަކުން މަނާކުރަންޖެހޭ ކަމެއްނޫން...ވަކިވަރަށް ފައިސާގެ އަވާގައި ޖެހުނީމަ ލަދުވެތިކަން ހަމަ ގެެއްލެނީ...
ސަރުކާނު
12 November 2018
މީ ވަރަށް ދެރަކަމެއް. ޑިމޮކްރަސީ އަކީ މަޖިލީހުގެ އަޢްލަބިއްޔަތު ގެއްލުނީމާ މައިނޯރިޓި މެމްބަރުން ކޮންމެފަދަ ވާހަކައެއް ދައްކައިގެންވެސް ތެލުލުން ކަމުގައިވާނަމަ، ޑިމޮކްރަސީއަކީ އިންސާނުން އެޔަށް ތަބާވާން ހެޔޮވެސްނުވާނަރުގެ އެއްޗެއް. މި އަށް ވުރެ ރަސްކަމެއްވެސް މާރަގަޅު. އޭރުން އިގޭނެ ކަންނިމޭނީ ރަސްގެފާނު ބޭނުންވާ ގޮތައްކަން. މިހާރުވެސް ރަސްކަމަކާ މިކަމާ މާބޮޑު ތަފާތެއް ނެތް.