އަދީބުގެ ހާލަތަށް ބަދަލެއް ނާދޭ، ހާލު ސީރިއަސް: އާއިލާ

ކިޑްނީގެ ބައްޔަށް އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ހާލަތަށް ބަދަލެއް އަންނަމުން ނުދާ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ވިދާޅުވެއްޖެ އެވެ.


ތަފާތު ތިން ދައުވާއެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު އަންނަނީ ކިޑްނީގައި ހިލަ ހުރެގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން ފަރުވާ ހޯއްދަވަމުންނެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ނަޝްވާ ވިދާޅުވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން އައި ކަމުގައި ވިއަސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި ލިބެންހުރި ފަރުވާއިން ކިޑްނީ ބަލި ރަނގަޅު ކުރެވޭތޯ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން ހަށިގަނޑުގައި ސިސްޓެއް އުފެދި އަދި ލޮލުގެ ފެނުމުގެ މައްސަލައެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.

ނަޝްވާ ކުރިން ވިދާޅުވީ ކިޑްނީގައި ހުރި ހިލަތައް ދުއްވާލަން ޑޮކްޓަރުން ވަނީ އަދީބަށް ބާރުގަދަ ބޭސްތަކެއް ދީފަ އެވެ. އެހެންވެ ބޭސް ބޭނުންކޮށްގެން ކިޑްނީގެ ހިލަތައް ދުއްވާލާތީ އަދީބަށް ވަރަށް ބޮޑަށް ވޭންއަޅާ ކަމަށް ނަޝްވާ ވިދާޅުވި އެވެ.

އަދީބު ޖަލަށް ލާފައި ވަނީ އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގަ އާއި ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި ބޮމެއް ހަރުކޮށް އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު މައްސަލައިގަ އެވެ. އަދި އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.