ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް: އަބްދުﷲ ސައީދާއި އަލީ ހަމީދު ގެއަށް ބަދަލު ކުރެވޭނެ މަގެއް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި --ފޮޓޯ/މިހާރު
14 ނޮވެމްބަރ 2018 - 13:54
މިހާރު ޖަލުގައި ތިއްބެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ގެ އަށް ބަދަލު ކުރެވޭނެ މަގެއް ހޯދަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ސައީދު މިނިވަން ކުރަން ގޮވާލައި އޭނާގެ ކޮއްކޮ އިއްޔެ ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި ކުރި ހިމޭން މުޒާހަރާގެ ޚަބަރު، ފޭސްބުކްގައި ޝެއާ ކުރެއްވުމަށް ފަހު ފާއިޒް ލިޔުއްވާފައިވަނީ ސިޔާސީ ބޭފުޅުން މިނިވަން ވަމުންދާއިރު، އަބްދުﷲ ސައީދާއި އަލީ ހަމީދު ގެއަށް ބަދަލު ކުރެވޭނެ އިންސާފުވެރި މަގެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފާއިޒް ލިޔުއްވާފައިވަނީ އެ ދެ ބޭފުޅުން މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުން ޖެހިގެން އައި ދުވަހު އެ ދެ ބޭފުޅުންގެ އަނބިކަނބަލުންނަށް ވަކިވަކިން ގުޅުއްވައި، ގާނޫނީ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމާ މެދު އޭރު ވެސް ސުވާލު އުފެއްދެވި ކަމަށް އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.
ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކަށް ފާއިޒް ހުންނެވި އިރު، ގިނަ ކަންކަމުގައި ފާއިޒްގެ ޚިޔާލު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ޚިޔާލާ ތަފާތު ވިޔަސް، އެ ދެ ބޭފުޅުން ހައްޔަރު ކުރުމާ އެކު ފާއިޒް ކުރިން ވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ ދެ ބޭފުޅުންނާ އެކު މަސައްކަތް ކުރެއްވި އިރު ވަރަށް ގިނަ ކަންކަމުގައި ޚިޔާލް ތަފާތުވި ކަމަށާއި އެކަމަކު އޭރު ވެސް މަސައްކަތް ކުރެއްވީ ހިތްވަރާ އެކު ކުރިއަށް ވަޑައިގަތުމަށް ކަމަށް ފާއިޒް އޭރު ވިދާޅުވެފައިވެ އެވެ.
އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރީ ސުޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހަކާ އެކު ފާއިޒް ފަނޑިޔާރު ކަމުން ވަކި ކުރުމަށް ފަހު އެވެ.
ތަފާތު ތިން ދައުވާއެއް ސާބިތުވެ އަބްދުﷲ ސައީދުގެ މައްޗަށް ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައިސްފައި ވާއިރު، އަލީ ހަމީދުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ތިން އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އޭގެ ތެރެއިން އެއް މައްސަލައެއްގައި އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާތީ އެ ދެ ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ މަގާމު މިހާރު ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫޗީ/މީދޫ
14 November 2018
ރާއްޖޭގެ ޖޫޑިޝަރީ މަސައްކަތްކުރި ގޮތް މިހާރު އެއްމެންނަށް ސާފްވެއްޖެއް. 23 ސެޕްޓެމްބަރ ގައި ރައްޔިތުން ވަނީ ވޭތުވެދިޔަ 5 އަހަރު ގައުމުގައި ހިގި ހުރިހާކަމެއް ރިއާޔަތްކޮށް ވެރިކަން ވަނީ ބަދަލުކޮއްފައި. މިހާރު މިއޮތީ ގައުމު ހަމަމަގުން ގެންދިއުމަށް ހުރިހާ މުއްސައްސާތަކަށް ފުރުސަތު ލިބިފައި.ވީމާ ބަންދުގައި ތިބި ދެފަޑިޔާރުން ގެ މައްސަލައަށް ވެސްނިމުމެއް އައްނަންޖެހޭ.