ފައިނު އެއާޕޯޓުގެ އީއައިއޭ ބަލައިނުގަންނަން އީޕީއޭ އިން ނިންމައިފި

ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއަށް ހެދި އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، އެ ރިޕޯޓު ބަލައިނުގަންނަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނިންމައިފި އެވެ.


އެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިބްރާހިމް މުހައްމަދު ވިދާޅުވީ އީއައިއޭ ރިޕޯޓާއި އާއްމުންގެ ކަންބޮޑުވުންތައް ބަލައި ރިވިއުކޮށްފައިވާ ކަމަށެވެ. އެކަމުގައި، މަޝްރޫއު ކުރި އަށް ގެންދިއުމުގެ ހުއްދަ ދެވޭ ވަރަށް ވުރެ ބައެއް ކަންތައްތައް މަދުކަމަށް އޭނާ ވިދާޅުވި އެވެ.

ފައިނު އެއާޕޯޓު މަޝްރޫއުގެ އީއައިއޭ ހެދީ ތިމާވެށީގެ ކަންކަމުގައި ކޮންސަލްޓެންސީ ދޭ ދިވެހި ކުންފުންޏެއް ކަމަށްވާ ވޯޓަ ސޮލިއުޝަންސް އިންނެވެ.

"ބައެއް ކަންތައްތައް ބަލައި، ބައެއް ދިރާސާތައް ހަދައި އީއައިއޭގައި ހިމަނަންޖެހޭ. އެކަމަކު އެ ބައިތައް މަދުވުމުން އީއައިއޭ ރިޕޯޓު މި ރިޖެކްޓްކޮށްލީ އެ ކަންތައް ފުރިހަމަކުރުމަށް،" އިބްރާހިމް ވިދާޅުވި އެވެ.

ފައިނު އެއާޕޯޓުގެ އީއައިއޭ ރިޕޯޓު ބަލައިނުގަންނަން ނިންމައި އީޕީއޭގެ ވެބްސައިޓުގައި ބުނީ، އެ މަޝްރޫއާ ގުޅުންހުރި ފަރާތްތަކާއި އާއްމުންނާ މަޝްވަރާ ކޮށްފައިނުވާކަން ފާހަގަވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިރިއުޅުމަށް ސީދާ އަސަރުކުރާ ފަރާތްތަކާ ވެސް މަޝްވަރާ ކޮށްފައި ނުވާތީ އެކަން ފުރިހަމަ ކުރަންޖެހޭ ކަމަށް ބުންޏެވެ.

ގަސްތަކާ ގުޅޭ ގޮތުން ހެދި ދިރާސާ ވެސް ފުރިހަމަ ނޫންކަން ފާހަގަކޮށް އީޕީއޭ އިން ބުނީ ނަގަންޖެހޭ ގަސްތަކުގެ އަދަދާއި ރަނގަޅަށް ހެދި ބޮޑުވެފައިވާ ގަސްތައް ރަނގަޅަށް އެނގޭނެހެން އީއައިއޭގައި ފާހަގަކުރަންޖެހޭ ކަމަށެވެ.

ރައްޔިތުންނާ އަދި ތިމާވެއްޓާ ގުޅުން ހުރި މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާއިރު، އެ ރިޕޯޓުގައި ހިމެނޭ ގެއްލުންތަކާއި އެ ގެއްލުންތައް ހައްލުކުރާނެ ގޮތުގެ ވާހަކަ އެކަނި ނުފުދޭ ކަމަށް، އީއައިއޭ ރިޕޯޓާ ގުޅޭ ގޮތުން އީޕީއޭއިން ބުންޏެވެ. އެހެންވެ 12 ކަމެއް ފާހަގަކޮށް އެ ކަންތައް މަދުކަމަށް އީޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި އެއާޕޯޓު އަޅަން ނަގާ ގަސްތަކާއި އެ ގަސްތަކާ މެދު ދެން ކަންތައްކުރާނެ ގޮތް ފާހަގަކޮށްފައި ވެ އެވެ.

ފައިނުގައި އެއާޕޯޓު އެޅުމާ ދެކޮޅަށް ޝުއޫރު ފާޅުކޮށް އެންވަޔަރްމަންޓް މިނިސްޓްރީ އާއި އީޕީއޭ ކައިރީގައި މިއަދު ބަޔަކު މުޒާހަރާ ވެސް ކުރި އެވެ. އެކަމުގައި އިސްކޮށް އުޅުނު ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ނަވާނަވައިގެ ފަރާތުން ވާހަކަދައްކަމުން ފާތިމަތު ސާއިރާ ބުނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގިނަ ގެއްލުންތަކެއް ލިބޭ ކަމަށެވެ. އަދި އީއައިއޭ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި އިރު، އެ ރިޕޯޓު ވެސް ތައްޔާރުކޮށްފައިވަނީ ފަސޭހަ އިން އެނގޭނެ ބަހަކުން ނޫން ކަމަށެވެ.

ނަވާނަވާއި އާއި ސޭވް މޯލްޑިވްސް އަދި ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ މީހުން ވަނީ ފައިނު އެއާޕޯޓު ރިޕޯޓު ރިިވިއުކުރި ޓީމާ ވެސް ބައްދަލުކޮށްފަ އެވެ.

އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ފައިނުގައި އެއާޕޯޓު އަޅަން 5،550 އަށްވުރެ ގިނަ ގަސްކަނޑަން ޖެހެ އެވެ.

އެ ރަށުގައި އެއާޕޯޓަކާއެކު ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއް ކަހަލަ ސާޖަރީތަކުން ރިކަވާ މީހުންނަށް ހިދުމަތް ދޭ ފެސިލިޓީއަކާއި އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް ހާއްސަ ހޭންގަރު ހަދަން ޓޫރިޒަމް މިނިސްޓްރީން ހަވާލުކުރީ އައިލެންޑް އޭވިއޭޝަނަށެވެ.