ސަރުކާރުގެ މުވައްޒަފުންގެ ފްލެޓްތަކުގެ ދާއިމީ ލިސްޓު އޮފީސްތަކަށް މިއަދު ފޮނުވާނެ: މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނަށް ކަނޑައެޅި ފްލެޓަށް ޝަރުތުހަމަވެ، ލިބުނު މީހުންގެ ދާއިމީ ލިސްޓު އޮފީސްތަކަށް މިއަދު ފޮނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާން ނުކޮށްގެންނާއި ފްލެޓް ލިބުނު ކަމުގެ ލިޔުން ނުދީގެން ދަނީ ޝަކުވާ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ އޮފީސްތަކަށް ދާއިމީ ލިސްޓު މިއަދު ފޮނުވާނީ، ފްލެޓް ލިބުނު ކަމުގެ ކަށަވަރުކަން ދޭ ލިޔުމާ އެކު ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 400 ގޯތި ވިއްކަން ނިންމިކަން މިނިސްޓަރު މުއިއްޒު މިއަދު އިއުލާން ކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ޝަރުތު ހަމަވި އެންމެންނަށް ލިޔުން ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއު 12 ކެޓަގަރީ އަށް ބަހާލާފައިވާއިރު، ސިވިލް ސާވިސް އަށް ކަނޑައެޅީ 1،000 ފްލެޓެވެ. އެ ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން، ގާތްގަނޑަކަށް 2،000 މީހުން ފޯމު ހުށަހެޅި އެވެ.

ކެޓަގަރީތަކާއި ކަނޑައެޅި އަދަދުތައް

- ސިވިލް ސާވިސްގެ ސަޕޯޓް ސާވިސް މަސައްކަތް ކުރާ މުވައްޒަފުންނަށް 400 ފްލެޓް. - ފަންނީ އަދި މެނޭޖްމެންޓް ލެވެލްގެ މަގާމްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 300 ފްލެޓް.

- ސިވިލް ސާވިސްގެ އިދާރީ މަސައްކަތް ކުރާ މުވައްޒަފުންނަށް 300 ފްލެޓް.ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އިރު، 11،000 އަށްވުރެ ގިނަ މީހުންނަށް ފްލެޓު ވަނީ ލިބިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ 44،000 ރައްޔިތުންގެ ބޯހިޔާވަހިކަމެވެ.