ރައީސް ޔާމީން މިދިޔަ މަހު ގައުމާ މުޚާތަބު ކުރައްވަނީ: އެމަނިކުފާނު ވެވަޑައިގެންފައިވަނީ އާ ގާނޫނު އަސާސީގެ ދަށުން ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސަކަށް --ފޮޓޯ/ރައީސް އޮފީސް
17 ނޮވެމްބަރ 2018 - 14:18
އާ ގާނޫނުއަސާސީގެ ދަށުން ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސަކަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންފި އެވެ.
ނޮވެމްބަރު، 2013 ގައި ރައީސް ކަމަށް އިންތިޚާބުވި ރައީސް ޔާމީންގެ ދައުރު މިއަދު ނިމުމަކަށް އަންނައިރު، އެމަނިކުފާނު ވެވަޑައިގަންނަވާނީ 2008 ގައި ތަސްދީގު ކުރެއްވި އާ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުނު ފުރަތަމަ ރައީސަށެވެ.
އާ ގާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރި ފުރަތަމަ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ، 2012 ގައި އިސްތިއުފާ ދެއްވުމުން އެމަނިކުފާނުގެ ދައުރުގެ ބާކީ އޮތް ބައި ފުރުއްވީ އެމަނިކުފާނުގެ ނައިބަކަށް ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ރައީސް ޔާމީންގެ ދައުރު މިއަދު ނިމުމަކަށް އަންނައިރު، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާދަ ކުރައްވައި، އެމަނިކުފާނަށް ލިބިވަޑައިގަތް ނާކާމިޔާބީގެ ސަބަބުން ދެވަނަ ދައުރެއް އެމަނިކުފާނަށް އަދާ ކުރެއްވޭ ގޮތެއް ނުވި އެވެ.
ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވި އާ ރައީސް އިބޫ މިއަދު ހަވީރު މަގާމުގެ ހުވާ ކުރައްވާނެ އެވެ.
އިންތިޚާބުގައި ބަލި ގަބޫލު ކުރެއްވުމަށް ފަހު، އޭގެފަހުން އިންތިޚާބާ މެދު ސުވާލު އުފައްދަވައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިޔަސް، ކޯޓުން ނިންމީ އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށެވެ.
ބޮޑު ކޯލިޝަނަކާ އެކު 2013 ގައި އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ކޯލިޝަން ވަނީ ރޫޅިފަ އެވެ. އެ ކޯލިޝަންގައި އެންމެ އިސްކޮށް އޮތް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން އެ ކޯލިޝަނާ ވަކިވެ، އިދިކޮޅާ ގުޅިފައި ވަނިކޮށް ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މައުމޫން ވެސް އިދިކޮޅާ ގުޅިވަޑައިގަތެވެ.
އެހެންވެ، ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އެމަނިކުފާނުގެ ކޯލިޝަންގައި ރަސްމީކޮށް އޮތީ އެމްޑީއޭ އެކަންޏެވެ. އެކަމަކު މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ކުރިމަތިލެއްވިއިރު، އެމްޑީއޭ އިން ވެސް ރަސްމީކޮށް އެމަނިކުފާނަށް ތާއީދު ކުރައްވާފައި ނުވާތީ އިންތިޚާބަށް ނިކުމެވަޑައިގަތީ ގިނަކަންޏާ އެވެ.
ރައީސް ޔާމީންގެ ވެރިކަމަކީ އާ ގާނޫނުއަސާސީގެ ދަށުން އެންމެ ގިނަ ނައިބު ރައީސުން އައްޔަން ކުރެއްވި ދައުރު ވެސް މެ އެވެ. އެމަނިކުފާނުގެ ދައުރުގައި ދެ ނައިބު ރައީސުން ވަކިކުރެއްވި އެވެ.
ރައީސް ޔާމީންގެ ފަސް އަހަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައި ވިޔަސް، އެ ދައުރު ވެގެން ގޮސްފައިވަނީ ސިޔާސީ ގޮތުންނާއި ޚާރިޖީ ގޮތުން ވެސް ހަލަބޮލި ދައުރަށެވެ.
އިދިކޮޅު ލީޑަރުން ޖަލަށްލުމާއި ރައްޔިތުންގެ މަޖިލީހުގައި އޮތް ބޮޑު އަޣުލަބިއްޔަތު ބޭނުންކޮށް، ބައެއް ހައްގުތައް ހަނިކޮށް ގާނޫނު ހެދުމާއި ގާނޫނު އަސާސީ އަށް ގެނައި ބަދަލުތަކަކީ ރައީސް ޔާމީނަށް ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަންތައްތަކެވެ. އޭގެ ސަބަބުން ޚާރިޖީ ގޮތުން ވެސް ރާއްޖެއަށް ގިނަ ފިއްތުންތައް ކުރިމަތިވެ، ބޭރުގެ ބައެއް ޖަމާއަތްތަކުން ރާއްޖެ އަށް ފިޔަވަޅު އަޅާ ހިސާބަށް ކަންކަން ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
19 November 2018
ދިވެހި ރައްޔިތުން ދެއްކީ އެމީހުންނަކީ ޑިމަކޮރަސީއަށް ފައްކާ ބައެއްކަން، ޔާމީނަށް 5 އަހަރުގެ ދައޮރެއް ފުރިހަމަ ކުރެވުނީ، ދިވެހި ރައްޔިތުންނަކީ ރޔ ކަހަލަ ގަބު ބަޔަކަށް ނުވީތީވެ، ރައްޔިތުންވެސް ގާނޫނަށް ތަބަޢަަނުވާ ޖާހިލް ބަޔަކަށް ވިނަމަ، ބޮޑު ލޭއޮހޮރުމަކުން ޔާމީނުގެ ވެރިކަން ނިއްމުމުގެ ފަންވަރު ހުރި، ނަމަވެސް އެމީހުން ނިއްމީ ވޯޓަކުން ބަލިކޮށް، ޔާމީން ބަލާ ނުގަންނަކަން ދުނިޔެއަށް އަންގަން. ވީމާ ހުރިހާ ތަޢްރީފެއް ޙައްޤުވަނީ ދިވެހި ރައްޔިތުން.
ހަފީ
18 November 2018
2012 ގައި އިސްތިއުފާ ދެއްވީކީ ނޫން.ބަޣާވަތެއް ކޮށް ވައްޓާލީ
ދޯ
17 November 2018
ބޮޑު ފިޑި އެއް.
shadow
17 November 2018
ގަދަބާރާއި ގޮތްދޫނުކޮށް އަދި ބިރުދައްކައިގެން 5 އަހަރުދުވަސް ހޭދަކުރީތީ ލަދް!
ކެކެ ކެކެ
17 November 2018
އާދެ، ކައްކާ ބަދަލުކުރުމަށް ފަހު
ހީރޯ
17 November 2018
ސާބަހޭ ޔާމީން. ތިޔަ ބަތަލައްޓަކައި ފަހުރުވެރިވަން!
ނުސިޔާސީ މީހާ
17 November 2018
ކުރިން ގަބޫލު ކުރެވޭ ގޮތުގަ ރާއްޖޭގަ އޮތީ މައުމޫނު ފިކުރާ ނަޝީދުގެ ފިކުރު.. އެކަމަކު މިހާރު ޔާމީނުގެ ފިކުރު ކުޑަ އެކޭ ބުނެވޭކަށްނެތް.. ދެން މި ކޯލިޝަނުން ފޭވާ މީހުން ދާނީ ޔާމީނު ކައިރިއަށް.. ފެންނަ ފެނުމުން ހިޔެއް ނުވޭ ކޯލިޝަން މާ ގިނަ ދުވަހަކު އޮންނާނެހެން.. އަދި ޔާމީނު ވެރި ކަމަށް އަރާނެ..
ސަޕޯޓަރ
17 November 2018
ޔެސް. އިންޝާﷲ ހީ ވިލްބީ ބެކް
ކަރެބަޔާ
17 November 2018
ތީ މާމޮޅު ވަނައެއްތަ. ކުޑަކުދިން ދައްކާކަހަލަ ވާހަކަ. ކަންކަށީގައި އަތްދަމާފައި ޖަހާ ބިންމައްޗައް ވައްޓާލީމައި ތެދުވެ ދެން ނިކަން ޖަހާ ބަލާށޭ ބުނުން ކަހަލަ ވާހަކައެއް.
މައިކަލް ޖެކްސަންގެ ދަރި
17 November 2018
ޔާމިން ރައީސް ޔަމިން.... ޔާމިން ރައީސް ޔަމިން... ކޮންމެ ކަމަކަށް ނިމުން އަންނަނީ އާއާ... ކޮންމެ ކަމަކަށް ނިމުން އަންނަނީ އާއާ..... ކޮންމެ ކަމަކަށް ނިމުން އަންނަނީ
ހެހެ
17 November 2018
ކަކުނި އުޅޭނީ ހަރުގައޭ، ގޮނޑުދޮއްފަރާތުގާ.. ބޯނެތަސްދެން ލޯހުރީމާ އެއްގަމައްނާރާ......