މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ރައީސް މަޖިލީހަށް ފޮނުއްވި ކަރުދާހަށް ބަދަލެއް ނުގެނެސް ވަނީ ފާސްކޮށްފައި.- ފޮޓޯ: މަޖިލިސް
15 އޯގަސްޓް 2016 - 18:46
ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އަމަލުތައް ދެނެގަނެ، ހުއްޓުވުމާ ބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ސިޔާސަތު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޓެރަރިޒަމާ ބެހޭ ސިޔާސަތާ މެދު މަޖިލީހުގެ މެމްބަރުން ދެކޭ ގޮތް ބެއްލެވުމަށް ރައީސް ފޮނުއްވި ކަރުދާސް ފާސްވީ 58 މެމްބަރުންގެ ވޯޓުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ.
މި ކަރުދާހަށް ބަސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގައި ހުރިހާ މެމްބަރުންގެ ބައިވެރިވުން ލިބޭނެ ކަމުގެ ޔަގީންކަން މެމްބަރުން ދެއްވި އެވެ.
ކަރުދާސް ފާސްކުރީ އެ ދިރާސާކުރި ވަގުތީ ކޮމެޓީން ނިންމި ގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.
ހަނގުރާމަ އަށް ދިޔަ ދިވެހިންގެ ބަޔަކު ސީރިއާގައި ހަތިޔާރާ އެކު.
ސަރުކާރުގެ ސިޔާސަތު ހިމެނޭ ކަރުދާހުގައި، ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ އިތުރުން ޓެެރަރިޒަމާ ދެކޮޅު ސިޔާސަތާއި އެ ކަންކަމާ ދެކޮޅަށް އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމާއި އެކި މުއައްސަސާތަކުން އެއްކޮށްފައިވާ ޖާސޫސީ މައުލޫމާތުތައް ދިރާސާކޮށް، ޓެރަރިޒަމާ ދެކޮޅަށް މިހާރަށް ވުރެ އަވަސް ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ. އަދި ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޕްރޮގްރާމްތަކެއް ހިންގުމާއި ބަނދަރުތަކާއި އެއާޕޯޓުތަކާއި އެ ނޫން ވެސް އިގްތިސާދީ މުހިއްމު ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޕްރޮގްރާމަތަކެއް ރާވައި ހިންގުމާއި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުމާއި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ ސަބަބުން ކުރިމަތިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގެ އިތުރަށް، ރާއްޖެ އަންނަ ބޭރު މީހުންގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކާތައް ދެނެގަތުން ވެސް ވަނީ ހިމަނާފަ އެވެ.
ސީރިއާ ފަދަ ގައުމުތަކުގައި ކުރާ ދާހިލީ ހަނގުރާމަތަކުގައި ދިވެހިން އަންނަނީ ބައިވެރިވަމުންނެވެ. އަދި އެ ހަނގުރާމަތަކުގައި އެތައް ދިވެހިންނެއް ވަނީ މަރު ވެސް ވެފަ އެވެ.
މި ކަންކަމާ ދެކޮޅަށް މި ފަހުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެ ގޮތުން، މި ކަރުދާސް މަޖިލީހަށް ހުށަހެޅުމުގެ އިތުުރުން، ކައުންޓަ ޓެރަރިޒަމް ސެންޓަރެއް ހަދައި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ރާއްޖޭގައި ފެތުރިފައިވާ މިންވަރު ދެނެގަންނަން ދިރާސާއެއް ހަދަން ވެސް ވަނީ ފަށާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy