17 ނޮވެމްބަރ 2018 - 23:08
ސައި ހޮޓާތަކާއި ވިޔަފާރިކުރާ ފިހާރަތައް 24 ގަޑިއިރު ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް، މިއަދު ވެރިކަމާ ހަވާލުވެ ވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.
އެ މަނިކުފާނު މަގާމުގެ ހުވާ ކުރައްވައި ގައުމާ މުޚާތަބު ކުރެއްވި އިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ބައެއް ކަންތައްތައް ވިދާޅުވި އެވެ. އޭގެ ތަފްސީލު ހިމެނޭ ގޮތުން ރައީސް އޮފީހުން މިއަދު އިއުލާން ކުރި، ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލުތައް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. އެ ހުއްދަ ބާތިލު ކުރެއްވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.
އެ ހުއްދަ ބާތިލް ކުރި ސަބަބެއް ކަމަށް އޭރު ސަރުކާރުން ބުނެފައިވަނީ ކުށް ކުރުން މަދުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
މާލޭގެ ޓްރެފިކް ހައްލު ކުރުމަށާއި އެކި ޑިއުޓީތަކުގައި މަސައްކަތް ކުރާ މީހުންގެ ފަސޭހަ އަށް 24 ގަޑިއިރު ހިދުމަތް ދޭ ވިޔަފާރިތައް ތައާރަފު ކުރުމަށް ގިނަ ބަޔަކު އެދެ އެވެ.
ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން އެސްއެމްއީ ބެންކެއް އުފައްދައި ހިދުމަތް ދިނުން ވެސް ހިމެނެ އެވެ. އެއީ ވިޔަފާރިތައް ފުޅާ ކުރުމަށް މާލީ ގޮތުން އެހީތެރިވެ ދިނުމަށް އުފައްދާ ބެންކެކެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ވިޔަފާރިތަކަށް އުނދަގޫވާ ގޮތަށް ހަދާފައިވާ ގަވައިދުތައް ބަދަލުކޮށް ރިވިއު ކުރުން ހިމެނެ އެވެ.
ވިޔަފާރިތަކަށް ފަހި ގޮތްތަކެއް ހަމަޖެއްސުމަށް ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނަކާއި އެންޓިޓްރަސްޓް ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ފަރީދު
21 November 2018
މިދިޔަ 5 އަހަރު މި ދިޔައީ ހާދަ އަމާންކޮށޭ. ރޭގަނޑު މަގުމަތީގައި މީހަކު ވެސް ނޫޅެނީއޭ ފިހާރަތައްވެސް 10 ޖަހާއިރު ބަންދު ކުރާތީ ގޯސްކޮށް މަގުމަތީ އުޅޭ ކުދިންވެސް އެންމެ ލަސްވެގެން 12 ޖަހަން ވާއިރު ނިދާ އެބަ
އަބްދުﷲ
19 November 2018
މިކަމަކީ ކުރަން ހެޔޮވާވަރު ކަމެއްނޫން. ރޭގަނޑު ނުނިދާ މަގުމަތީ އުޅޭމީހުންގެ އަދަދު ހިނަވާނެ. އިޖުތިމާއީ މައްސަލަތައް އިތުރުވާނެ. ކުރީގެ ތަޖުރިބާއަށް ބަލާއިރުވެސް ކަންވީމިހެން. ރައީސަށް ދަންނަވާލަން މިފަދަ ކަންކަން ނުފެށުމަށް.
24 ފިހާރަ
19 November 2018
ސަޅި ކަމެއް. އެކަމު އެފިހާރަ ތަކުގައި ފުލުހުން ތިބުން ބުއްދިވެރި. އަދުގެ ޒުވާނުން ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ. ކުއިކް ލާރި ހޯދަން. ފާމަސީ 24 ގަޑިިއިރު ހުޅުވަން އެއްބަސް!
.......
19 November 2018
އަލުގަނޑަކަން މީއެހާ ރަގަލު ކުރަން އެހާ ކަަމަކައް ނުފެނޭ
ޝައިނީ
18 November 2018
ޕެޓުރޯލް ޝެޑުތައްވެސް ޕުލީޒް!
ހުތާ
18 November 2018
ދުވާލަކީ މަސައްކަތް ކޮށް ހޭލަމޭލަމޭލަވެ އުޅޭ ވަގުތު ކަމާއި ރޭގަނޑަކީ އަރާމުކުރަން ކަނޑައަޅާފައިވާ ވަގުތު ކަމަށް މާތްﷲ އަންގަވާފައިވާ ވުމުގައި ހަމަޔަގީނުންވެސް ހިކުމަތްތަކެއްވާނެއެވެ. ފަހުގެ ސައިންސްގެ އަލީގައިވެސް މިކަމުގެ ފައިދާތައްދަނީ ހާމަވަމުންނެވެ. މިގައުމުގެ ގިނަ ޒުވާނުންނަކީ މިހާރުވެސް ރޭގަނޑު ހޭލާއުޅެފަ ދުވާލުގެ ބޮޑުބައި ނިދާފައިތިބޭ ބައެކެވެ. އެމީހުންގެ އުޅުން އެގޮތަށް ދެމެހެއްޓުމަށްޓަކައި ލިބުނު އިތުރު ފުރުސަތެއްކަމުގައި މިކަންކަންވާނެ
އުމަރުބެ
18 November 2018
ޕެޓްރޯލް ސެޑުތަށް 24 ގަޑީއިރަށް ބަދަލުކޮށްބަލަ މިހާރުވެސް ތެޔޮއަޅަންގޮސް އަވީގައި އެތައްއިރެއް ހޭދަކުރަންޖެހޭ...
ނީނާ
18 November 2018
ތީރަގަޅުކަމެއް ކަމަކަށް ނުދެކެން.. އަނެއްކާވެސް ދިރިއުޅުމުގެ މާހައުލް ހަލަބޮލިވެ ކުށްކުރުން ގިނަވާނީ.. އާންމު ރައްޔިތުން ނަށް ބިރުބޮޑު
މަރޭމިތުރާ
18 November 2018
ނައިޓްޝޮފިންގ މިތާއޮތުން ފަސޭހަވާ ކަމަކަށްވޭ! ލައިޓް އިތުރު މަގުމައްޗަށް އަލިކޮށްދޭ ކަމަކަށްވޭ!
ޖަޒީރަަ
18 November 2018
ގައުމާއި ރައްޔިތުން ހަލާކު ކުރަން. ކުށްތައް ގިނަ ކުރަން.