އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރު ފޮނުވައިނުލަން ނިންމައިފި

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ނިންމާފައިވާ ނިންމުން އާ ސަރުކާރުން ބަދަލުކޮށް އެ ދެ ހެލިކޮޕްޓަރު ފޮނުވައިނުލާން ނިންމައިފި އެވެ.


ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ "މިހާރު" އަށް ވިދާޅުވީ ދެ ހެލިކޮޕްޓަރު ފޮނުވައިނުލަން ނިންމަވާފައިވާ ކަމަށާއި އަވައްޓެރިން ދޭ ހަދިޔާ އަނބުރާ ރައްދު ކުރުމަކީ ދިވެހިންގެ ސަގާފަތެއް ނޫން ކަމަށެވެ.

"އަވައްޓެރިން ދޭ ހަދިޔާ އަނބުރާ ރައްދުކުރުމަކީ އަޅުގަނޑުމެންގެ ސަގާފަތެއް ނޫން. މެޑިކަލް އިވެކުއޭޝަންތަކަށް އަދި މީހުން ހޯދައި ސަލާމަތްކުރުން ފަދަ ކަންތައްތަކަށް އެ ދެ ހެލިކޮޕްޓަރު ހެޔޮ ގޮތުގައި ބޭނުން ކުރެވޭނެ،" މާރިޔާ ވިދާޅުވި އެވެ.

އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ގަ އެވެ. އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫ ގަން އެއާޕޯޓުގަ އެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައިދީފައިވާ ހެނގަރުގައި ބާއްވައިގެންނެވެ.

ދިވެހި ސިފައިން ތަމްރީނު ކުރެވެންދެން، އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލު ކުރާ "ލެޓަ އޮފް އެކްސްޗޭންޖް"އެއްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ.

ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިއާގެ ގުޅުން ގޯސްވެ، އެ އެއްބަސްވުން އާކޮށްދޭން ދިވެހި ސަރުކާރުން ދިޔައީ ދެކޮޅު ހަދަމުންނެވެ.