އެއްވެ އުޅުން ހަނިކުރަން ހުށަހެޅި އިސްލާހާ ދެކޮޅަށް ވެސް ފާރިސް ވޯޓު ދެއްވައިފި

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމާ ދެކޮޅަށް ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވޯޓު ދެއްވައިފި އެވެ.


މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި އިސްލާހާ ދެކޮޅަށް ފާރިސް ވޯޓު ދެއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އިސްލާހު ބަލައިގަތުމަށް ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށެވެ.

ފާރިސްއަކީ ފަހަކަށް އައިސް ތަކުރާރުކޮށް ތްރީ ލައިން ވިޕާ ހިލާފުވެވަޑައިގަންނަވާ މެމްބަރެކެވެ.

އެ ގޮތުން، މިނިސްޓަރުންގެ ލަފައާ އެކު ޕާމަނަންޓް ސެކެރެޓަރީން އައްޔަން ކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނަށް ހުށަހެޅި އިސްލާހާއި ބިޑަކާ ނުލާ ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއި ހިޔާލުފާޅުކުރުން ހަނި ކުރާ ބިލާ ދެކޮޅަށް ފާރިސް ވަނީ ވޯޓު ދެއްވައިފަ އެވެ. އަދި އެހެން ބައެއް ކަންކަމާ ވެސް ފާޅުގައި އޭނާ ދެކޮޅު ހެއްދެވި އެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ފާރިސް ވޯޓު ދެއްވި މައްްސަލައިގައި އޭނާ ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު ފާރިސްގެ ބައްޕާފުޅު، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވަނީ ފާރިސް އަކީ އަދިވެސް އެ ޕާޓީގެ މެމްބަރެއް ކަމަށާއި އޭނާ ޕާޓީން ވަކި ނުވާ ކަމަށެވެ.

ވިޕާ ހިލާފަށް ފާރިސް ވޯޓު ދެއްވި މައްސަލައިގައި، މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމިޓީން ޕެޓިޝަން ކޮމިޓީ އަށް ވެސް އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މިއީ ވޯޓު ދެއްވި ގޮތަކާ ގުޅިގެން މުހިއްމު ކޮމެޓީއަކުން ވަކިކޮށް، އާދައިގެ ކޮމިޓީއަކަށް ޕީޕީއެމް މެމްބަރަކު ބަދަލުކުރި ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން މަޖިލިހުން މިދިޔަ ހަފުތާގައި ފާސްކުރި ބިލާ ދެކޮޅަށް ފާރިސްގެ އިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދާއި ތިމަރަފުށި ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ އާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެން އަރީފު ވެސް ވޯޓު ދެއްވި އެވެ. ނަމަވެސް އެ މެމްބަރުންނާ މެދު އަދި ފިޔަވަޅެއް ނާޅަ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު މަޖިލީހަށް ބަލައިގަތީ ޕީޕީއެމާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އިދިކޮޅު އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވީ މި އިސްލާހު ބަލައިނުގަތުމަށެވެ.

މި ބިލު ބަލައިގަތުމާ ދެކޮޅަށް ޖުމްހޫރީ ޕާޓީން ވޯޓު ދެއްވީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި މަތިވެރި ދާއިރާގެ މެމްބަރު ހުސެން މުހައްމަދު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އަދި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވެސް އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓާ އެކު ވަނީ ފާސްވެފަ އެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވިއިރު، އިސްލާހު ދިރާސާކުރަން ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވި އެވެ. އަދި އެ ކޮމެޓީ އަށް ފޮނުވިތާ މާ ގިނަ އިރުތަކެއް ނުވެ، ކޮމެޓީން ވަނީ މި އިސްލާހު އޮތް ގޮތަށް ފާސްކޮށްފަ އެވެ.