24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވައިލުމާ މެދު އާންމުންގެ ހިޔާލު ހޯދަނީ

އިމްޕޯޓް މުދާ ވިއްކުމާއި ސައި ހޮޓާ/ރެސްޓޯރަންޓް އަދި ކެންޓީނު ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމާ މެދު އާންމުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވައިލައިފި އެވެ.


އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ފިހާރަ އާއި ރެސްޓޯރަންޓާއި ސައި ހޮޓާ އަދި ކެންޓީނު ފަދަ ތަންތަނުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އެކުލަވައިލާފައިވާ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ސައި ހޮޓާތަކާއި ވިޔަފާރިކުރާ ފިހާރަތައް 24 ގަޑިއިރު ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަކީ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. މި މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 30 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ވަނީ ހިމަނައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ 24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވައިލުމާ ބެހޭ އުސޫލަށް ޚިޔާލެއް ހުށަހެޅުމަށް ބޭނުންވާ ނަމަ އީމެއިލް ކުރުމަށެވެ. އަދި ލިޔުމުން ވެސް އެ އުސޫލަށް ޚިޔާލު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރިތައް 24 ގަޑިއިރަށް ހުޅުވާފައި ބެހެއްޓުމާ މެދު ސޯޝަލް މީޑިއާގައި އާންމުން މިހާރު އަންނަނީ ބަހުސް ކުރަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. އެ ހުއްދަ ބާތިލު ކުރެއްވީ ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ ބަދަލު ގެނައި ސަބަބެއް ކަމަށް އޭރުގެ ސަރުކާރުން ބުނެފައި ދަންވަރު ގަޑީގައި ވިޔަފާރިޔައް ހުޅުވައިލުމުން މާރާމާރީތައް އިތުރުވުމެބެ.

މިހާރު ފިހާރަތައް ހުޅުވާފައި ހުންނަނީ ރޭގަނޑު 10 ޖަހަންދެނެވެ. ސައި ހޮޓާ ފަދަ ތަންތަން ހުޅުވާފައި ހުންނަނީ ރޭގަނޑު 12:00 އާ ހަމަ އަށެވެ.