ގދ. ވާދޫގައި އެ ރަށު އަންހެނަކު ވިހެއުމަށް ފަހު، ދަރިފުޅު މަރާލަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ވާދޫގައި "ނަހަލާލަށް ބަލިވެ އިނދެ، ފާހާނާ ތެރެ އަށް ވިހާފައިވާ" މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
ވާދޫގައި އެ އަންހެން މީހާ އަށް ލިބުނު ދަރިފުޅުގެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ކުއްޖާ އޮތީ ކަޅު ބާދިލީއެއްގެ ތެރެއަށް ލައިފަ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނަމުން ދަނީ، އެ އަންހެން މީހާ ވިހެއުމަށް ފަހު ދަރިފުޅު މަރައިލީ ކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެ ކަން ކަށަވަރުވާ ގޮތެއް ނުވި އެވެ.
އަދި އެ މައްސަލައިގައި ކުއްޖާގެ މަންމަގެ އިތުރުން އެހެން މީހަކު ބައިވެރިވެފައިވާކަން ވެސް ޔަގީނެއް ނުވެ އެވެ.