ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިތުރު ފަސް ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން:
- މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް: މުޙައްމަދު އިޔާދު ހަމީދު (މ. މުއްދޫ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ: ހަސަން ރަޝީދު (ގ. ސެރޭންޑް)
- މިނިސްޓަ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް: ޝައިހް އިލްޔާސް ޖަމާލް ( ގދ. ވާދޫ ގުލްބަކާގެ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް: ޢާއިޝަތު ރަޝީދާ (ސ. ފޭދޫ ހަނދުވަރީގެ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ އެންވަޔަރުމެންޓް: އަހުމަދު މުޖްތަބާ (މ. ސީވޯލް) މި ހުރިހާ ބޭފުޅުންނަކީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުންނެވެ.
ރައީސް އިއްޔެ ވަނީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް އިބްރާހިމް ހޫދު އައްޔަން ކުރެއްވުމުގެ އިތުރުން ފަސް މިނިސްޓްރީއަކަށް ހަ ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރައްވައިފަ އެވެ.
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް ވަނީ 16 ސްޓޭޓް މިނިސްޓަރަކު އެކި މިނިސްޓްރީތަކަށް އައްޔަން ކުރައްވައިފަ އެވެ. އޭގެ އިތުރުން ރައީސް އޮފީހަށް ވެސް ބައެއް ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގައި މަގާމުތަކަށް ބައެއް ބޭފުޅުން ވަނީ އައްޔަން ކުރައްވައިފަ އެވެ.