ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީންފާސްކޮށްފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން މިރޭ ނިންމައިފި އެވެ.


އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުމަކަށެވެ. މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ނަޝީދު ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކުރީ ވޯޓުގައި ބައިވެރިވި 80 މެމްބަރުންގެ ތެރެއިން 79 މެމްބަރުންގެ ވޯޓުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭގޮތުން ކޯލިޝަންގައި ދެން ތިއްބެވި ތިން ލީޑަރުންނާ އެކު ވަކިވަކިން ވެސް ބައްދަލުވުން ބޭއްވި ކަމަށާއި އެ ބޭފުޅުން ބޭނުންފުޅުވީ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތަށް އެމްޑީޕީން 35 ގޮނޑިއަށް ވާދަކުރަން ކަމަށެވެ. އެކަމަކު އެ އަދަދަކީ އެމްޑީޕީއަށް އެކަށީގެންވާ އަދަދެއް ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ އެގޮތަށް އެމަނިކުފާނު އެއްބަސްވެ ވަޑައިނުގަތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޕާޓީގެ އޮފީހުގައި ހުރިހާ ޕާޓީތަކާ ވާހަކަ ދައްކައި، މަޝްވަރާ ކުރެވުނުއިރު ވެސް 35 ގޮނޑި ނޫން ގޮތަކަށް ޚާއްސަކޮށް ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓަށާއި އަދި އަދާލަތު ޕާޓީއަށް އެއްބަސްވެއެއް ނުވެވުނު." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ މަޖިލީހުގެ ގިނަ ގޮނޑި ހޯދުން ނޫން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ދެމެހެއްޓުމަކީ ވެސް އެންމެ ބޮޑަށް އެއް އަމާޒެއް ކަމަށެވެ. އެކަމަކު މާޗް މަހު އޮންނަ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ވަގުތު ބޭނުންވާތީ އެމްޑީޕީން ވާދަ ކުރާނެ ގޮނޑިތައް މިރެއިން މިރެއަށް ކަނޑައަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެންނަށް ގިނަ ގޮނޑި ލިބޭނީ 87 ގޮނޑިއަށް ވާދަކުރީމާ ކަމަކަށް. އެހެން ނަމަވެސް މި ޕާޓީގެ އެންމެ ބޮޑު މަސްލަހަތު ހިމެނިފައި އޮތީ 87 ގޮނޑިއަށް ވާދަކުރަން ކަމަށް މި މަޖިލީހުން އަޅުގަނޑަށް ފެންނާތީވެ އަޅުގަނޑަށް ވެސް ތާއީދު ކުރަނީ 87 ގޮނޑިއަށް އަޅުގަނޑުމެން ވާދަކުރަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭގެ ޖަލްސާގައި ވާހަކަ ދެއްކި ގިނަ މެމްބަރުން ވެސް ވާހަކަ ދެއްކީ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތަކާ މެދު އެއްބަސް ނުވެވޭ ނަމަ، ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަ ކުރުމަށެވެ. ޕާޓީގެ އާންމު މެމްބަރުންގެ ޚިޔާލުތަކަށް ބެލުމެއް ނެތި، ކޯލިޝަން މެދުވެރިކޮށް ގޮނޑިތައް ޕާޓީތަކަށް ބެހުމަަށް ތާއީދު ނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ވާހަކަ ދެއްކެވި އެވެ.