އަލީ ހަމީދު ފޯނު ނުދިން މައްސަލައިގެ ހުކުމް ބާތިލްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު، ތަހުގީގަށް ނުދެއްވި މައްސަލައިގައި އޭނާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.


ސުޕްރީމް ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން، އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، އަލީ ހަމީދު ހައްޔަރުކޮށް، އޭނާގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގައި، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލައިގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވި އެވެ.

ފޯނު ނުދެއްވި މައްސަލައިގައި އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލައިގައި ދައުލަތުން އަލީ ހަމީދުގެ މައްޗަށް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

އަލީ ހަމީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް "މިހާރު" އަށް ވިދާޅުވީ އިޖުރާއީ ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވޭތީ އާއި ހެކިންގެ ހެކިބަހުން، އެ މައްސަލަ އަލީ ހަމީދުގެ މައްޗަށް ސާބިތު ނުވާ ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފައިވާ ކަމަށެވެ.

އަލީ ހަމީދުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާ ވިދާޅުވެފައި ވަނީ ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގަކުން ނެރުއްވި އަމުރަކާ ގުޅިގެން ކަމަށެވެ.

އަދި އަލީ ހަމީދު ވިދާޅުވެފައި ވަނީ، އޭނާ ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށް، އެތަނުގެ ދޮރު ވައްޓައިލުމަށް ފަހު، މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް ފޯނު ދޭން އެންގި ކަމަށެވެ. އޭނާ އަކީ އޭރު ހުރުމަތްތެރި މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އޭނާ އެވަގުތު ހުންނެވީ ވެސް ހުރުމަތްތެރި ތަނެއްގައި ކަމަށް ވުމުން، އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ވެސް އަލީ ހަމީދު ވިދާޅުވެފައި ވެ އެވެ.

އަލީ ހަމީދުގެ އިތުރުން އަބްދުﷲ ސައީދު މިހާރު ވެސް ގެންދަވަނީ އެހެން މައްސަލައެއްގައި ވެސް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބެވިއިރު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގަ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބަލައި ނުގަންނަން ނިންމައިފަ އެވެ.

މި މައްސަލައިގައި، ކުރީގެ ރައީސް މައުމޫން މިނިވަން ވެފައިވާއިރު އަލީ ހަމީދާއި އަބްދުﷲ ސައީދު މިހާރު ތިއްބެވީ ގޭ ބަންދުގަ އެވެ.