އެމްއެލްއެސްޑީޕީ އިން 3،000 މެމްބަރުން ހަމަކޮށް، ކޮމިޝަނަށް ހުށަހަޅައިފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފައްދަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.


ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްކޮށް ހުންނަވާ އުފައްދާ އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ އޮގަސްޓް މަހު އެވެ. ޕާޓީއެއް ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މެމްބަރުން ހަމަވެގެންނެވެ.

އެމްއެލްއެސްޑީޕީ އިން މިއަދު ވަނީ 3،000 މެމްބަރުންގެ ފޯމާ އެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެމްއެލްއެސްޑީޕީ އިން ކުރި ޓްވީޓް

އެމްއެލްއެސްޑީޕީއަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފަ އެވެ.