އެއްވެ އުޅުން ނިގުޅައިގަންނަ އިސްލާހަށް އަމަލުކުރާކަށް ނުޖެހޭ، މުޒާހަރާތައް ކުރިއަށް ދާނެ: އެމްޑީޕީ

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަތުމަށް މިއަދު ފާސްކުރި އިސްލާހަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ މި އިސްލާހު ފާސްކުރިއަސް އެމްޑީޕީގެ އެއްވުންތަކާއި މުޒާހަރާތަކަށް ބަދަލު ނުގެނެސް ކުރިއަށް ދާނެ ކަމަށެވެ.

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން ހުށަހެޅި އިސްލާހު މިއަދު ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްކުރިއިރު "އެއްވެސް ފަރާތެއްގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު ކޮންމެ މީހަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ލިބިގެންވާ" ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ލިއެފައިވެ އެވެ.

އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިބޫ ވިދާޅުވީ އެއްވެ އުޅުން ހަނިކުރަން ފާސްކުރި އިސްލާހަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ އަސާސީ ހައްގުތަކެއް ނިގުޅައިގަތުމުގެ ސިލްސިލާ އަށް އިތުރުވި ކަމެއް ކަމަށެވެ. އެއީ، އިބޫ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއާ ފުށުއަރާ އިސްލާހެކެވެ.

މިއަދު ފާސްކުރި އިސްލާހާ ދެކޮޅަށް އިންތި ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

އޭނާ ވިދާޅުވިީ ގާނޫނުއަސާސީގައި ރައްޔިތުންނަށް އަސާސީ ހައްގުތަކެއް ލިޔެދީ، އެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ މާއްދާގައި ވެސް "އަސާސީ ހައްގުތަކާ ބެހޭ އެއްވެސް މާއްދާއެއް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން" ކަމަށް ސާފުކޮށް ލިއެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ [މަޖިލީހުގެ] އަޣުލަބިއްޔަތުން އެކަން ނުކުރެވޭނެ ކަން އަންގަން ލިއެދީފައި އޮތް މާއްދާއެއް. މި މާއްދާގެ ބޭނުމަކީ އަސާސީ ހައްގުތައް ރައްކާތެރިކުރުން،" ގާނޫނުއަސާސީ އެކުލަވާލެއްވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އިބޫ ވިދާޅުވި އެވެ.

ގައުމުގައި ކުއްލި ހާލަތު އިއުލާންކުރިއަސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ދީފައިވާ ހިޔާލުފާޅުކުރުމާއި 28 ވަނަ މާއްދާގައިވާ ނޫސްވެރިކަމުގެ މިނިވަންކަމަކީ ނުހިފެހެއްޓޭނެ ހައްގެއް ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ދެ ހައްގު ވެސް މަޖިލީހުން ނިގުޅައިގެންފައިވާތީ ހިތާމަކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ބަނަ އުނދަގޫ ދުވަސްތަކެއް ކަމަށް އަޅުގަނޑު މިދެކެނީ. މިއީ އެންމެން އެކީގައި ނުކުމެ މިކަންކަން ބަދަލުކުރަން ޖެހިފައި އޮތް ވަގުތު ކަމަށް އަޅުގަނޑު ދެކެނީ،" އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފާސްކުރަނީ އެއްވެސް ހަމައަކަށް ނުފެތޭ ބިލްތަކެއް ކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުން ދީފައިވާ ހައްގު ނިގުޅައިގަނެ ފުލުހުންގެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް އެއްވެ އުޅުން މަނާކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ގާނޫނުއަސާސީއާ ހިލާފަށް ފާސްކުރާ މިފަދަ ގާނޫނުތަކަށް ތަބާވާކަށް ނުޖެހޭނެ،" އިންތި ވިދާޅުވި އެވެ.