މި ދުވަސްވަރު ޑެންގީ ހުމާއި ބޭރަށް ހިންގުން އިތުރު: އެޗްޕީއޭ

ރާއްޖޭގެ އެކި ހިސާބުގައި ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާ މި ދުވަސްވަރު އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނެފި އެވެ.


އެޗްޕީއޭ އިން ބުނީ ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ރޯގާ އާއި ހުން ފެތުރުން އާންމު ނަމަވެސް މި އަހަރު އެހެން އަހަރުތަކަށް ވުރެ އިތުރު ކަމަށެވެ. ވޭތުވެދިޔަ ދެ ހަފުތާގައި ބޭރަށް ހިންގުމުގެ 1666 މައްސަލަ އާއި ޑެންގީ ހުމުގެ 186 މައްސަލަ އެތަނަށް ރިޕޯޓް ކޮށްފައިވާ ކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާއިރު ޑެންގީ ހުމުގެ ހަ ގުނަ އިތުރު އަދަދެކެވެ. އަދި ބޭރަށް ހިންގާ ރޯގާގެ ފަސް ޕަސެންޓު އިތުރުވުމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޑެންގީ ހުން ފެތުރުމުގައި މަދިރި ބޮޑު ދައުރެއް އަދާ ކުރާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައި ވެ އެވެ. އަދި ފެން އުފެދޭނެ ފަދަ ކުނި ރަށު ތެރެއަށް އުކާނުލުމާއި، ރައްކާތެރި ކަމާ އެކު އެ ކުނި ނައްތާލުމާއި މަދިރިން ރައްކާތެރި ވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެތަނުން އިލްތިމާސްކޮށްފައި ވެ އެވެ.

މީގެ އިތުރުން ބޭރަށް ހިންގުމުގެ ރޯގާ ވެސް އިތުރުވެފައި ވާތީ، އެ ބަލި ފެތުރޭ ކަންކަމަށާއި ބަލިން ރައްކާތެރި ވުމަށް ހާއްސަ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ގޮވާލާފައި ވެ އެވެ. މި ބަލި ފެތުރެނީ ކާބޯތަކެތިންނާއި ބަލި ޖެހިފައިވާ މީހުންގެ ފަރާތުން ކަމަށް ވާތީ، އެކަމަށް ސަމާލުކަން ބެލެހެއްޓުން މުހިއްމު ކަން އެޗްޕީއޭ އިން ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި ރައްކާތެރި ކަމާ އެކު ބޯފެން ބޭނުން ކުރުމާއި، ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ބެހެއްޓުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު މި ދުވަސްވަރު އާދަޔާ ހިލާފަށް އިތުރު ނޫނަސް އެ ބަލިތަކަށް ފަރުވާ ހޯދަން އޭޑީކޭ އަށް ދާ މީހުންގެ އަދަދު އިތުރު ކަމަށް އެ ހޮސްޕިޓަލުގެ މެނެޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވި އެވެ.

"މި ދުވަސްވަރަކީ އެކި ރަށްތަކުން މާލެ އަށް ފަރުވާ ހޯދުމަށް މީހުުން އަންނަ ދުވަސްވަރެއް. އެހެންވީމާ ވެސް މި ބަލިތަކަށް ފަރުވާ ހޯދުމަށް އަންނަ މީހުން ގިނަވުން ވެސް އެކަށީގެންވޭ،" އަފްއާލް ވިދާޅުވި އެވެ.

މިއީ ފަސޭހައިން ފެތުރޭ ބަލިތައް ގިނަވެފައިވާ ދުވަސްވަރަކަށް ވާތީ، ކޮންމެހެން ހޮސްޕިޓަލަށް ފަރުވާ ހޯދަން ޖެހޭ މީހުން ފިޔަވައި އެހެން މީހުން ހޮސްޕިޓަލަށް ނުދިއުމަށް ވެސް އަފްއާލް އެދިވަޑައިގަތެވެ.

"ބަލި މީހުން ނޫން އެހެން މީހުން މި ދުވަސްވަރު ހޮސްޕިޓަލަށް ނުދިއުން ރަނގަޅު ވާނީ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ނުކުރުން ވެސް މުހިއްމު. ބަލި ނޫން ހާލަތެއްގައި ނޫނީ މި ދުވަސްވަރު ކުޑަ ކުދިިން ހޮސްޕިޓަލަށް ނުގެންދިއުން މުހިއްމު،" އަފްއާލް ވިދާޅުވި އެވެ.