ނަޝީދުގެ ނޫސްވެރިކަމުގެ ހިދުމަތް ބަލައިނުގަތުމުން ފާޑުކިޔަނީ

ރާއްޖެ މިހާރު މި ދެކޭ މިނިވަން ނޫސްވެރިކަމަށް ދޮރު ހުޅުވާލަދެއްވި ބޭފުޅަކީ ކުރީގެ ރައީސް މުހަންމަދު ނަޝީދު ކަމަށާއި، ނޫސްވެރިކަމުގެ 75 އަހަރު ފާހަގަ ކުރިއިރު އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަން ނުކުރުމުން އެކަމަށް ގިނަ ބަޔަކު ފާޑު ކިޔަމުން އެބަ ދެ އެވެ.


ރައީސް ނަޝީދަކީ ނޫސްވެރިއެކެވެ. އެމަނިކުފާނަކީ ނޫސްވެރިއެއްގެ އިތުރުން ނޫސްވެރިކަމާ ގުޅުން ހުރި ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާ އަދި ފޮތް ވެސް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގައި 90ގެ ތެރޭގައި ނުކުތް މަޝްހޫރުު "ސަންގު" ނޫސް ވުޖޫދަށް ގެނައުމާއި އޭގެ ނޫސްވެރިއެއްގެ ގޮތުން ވިދާލި އެންމެ މަޝްހޫރު ނަމަކީ އެމަނިކުފާނެވެ. އެ މަޖައްލާގެ ސަބަބުން އެ ނޫސް ބަންދުކުރުމާ އެކު، އޭގެ ފަހުން "މިނިވަން" ނަމުގައި ނޫހެއް އުފެއްދެވި އެވެ. އެ ނޫސް ހުއްޓާލެއްވީ، 2008ގައި ވެރިކަމަށް ވަޑައިގެން، ވެރިކަމުގައި ހުންނަވާއިރު އަމިއްލަ ނޫހެއް ހިންގަވަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެ އެވެ. ލިޔުންތެރިކަމުގެ ސަބަބުން އެތައް ފަހަރަކު އެމަނިކުފާނަށް ވަނީ ޖަލުގެ ތޭރިތަކުގެ ބިތްދޮށަށް ވަޑައިގަންނަވަން ވެސް ޖެހިވަޑައިގެނަފއ އެވެ. އެމަނިކުފާނު މިހާރު ވެސް ދޭތެރެދޭތެރެއިން ނޫސްތަކަށް ލިޔުއްވަ އެވެ.

ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ނޫސްވެރިކަމަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދެއްވި ބޭފުޅުންނަށް ވަނީ ގަލަން ދެއްވައިފަ އެވެ. އެއީ އަލިމަސް ޝަރަފުގެ ގަލަމާއި އަލިމަސް ގަލަން އަދި ރަން ގަލަމެވެ. އަލިމަސް ޝަރަފުގެ ގަލަން ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގެންނެވި އެވެ.

ރޮއިޓާސް ނޫހަށް ހަބަރު ލިޔާ ދިވެހި ނޫސްވެރިޔާ ޖުނައިދު ކޮށްފައިވާ ޓްވީޓެއް--

އާންމުން ސުވާލު ކުރަމުން ގެންދަނީ ރައީސް މައުމޫނަށް އަލިމަސް ޝަރަފުގެ ގަލަން ލިބިވަޑައިގެންނެވި އިރު އެ ގަލަން ރައީސް ނަޝީދަށް ލިބިވަޑައިނުގަތީ ކީއްވެތޯ އެވެ. ޓްވިޓާގަ އާއި ފޭސްބުކްގައި ބައެއް މީހުންް ކޮށްފައި ހުރި ޕޯސްޓްތަކަށް ބަލާއިރު، ބައެއް މީހުން ބުނެފައިވާ ގޮތުގައި ރައީސް މައުމޫން ނޫސްވެރިކަން ކަސްތޮޅު އަޅުވާފައި އޮއްވައި އެ ކަސްތޮޅުތައް ނައްޓަވައިދެއްވީ ރައީސް ނަޝީދެވެ. އަދި ރައީސް ނަޝީދަކީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ވެސް އެ ބޭފުޅުންް ވިދާޅުވެ އެވެ.

"އެންމެ ގަލަމެއް ވެސް އެމަނިކުފާނަށް ލިބިވަޑައިނުގަތުމަކީ ހިތާމަހުރި ކަމެއް. މިއީ ނޫސްވެރިކަމަށް ކުރި މަލާމާތެއް،" އެކަކު ބުނެފައި ވެ އެވެ.

މުހައްމަދު އަބްދުﷲ ޝަފީގު ކުރައްވާފައިވާ ޓްވީޓް--

އެހެން މީހަކު ބުނެފައިވާ ގޮތުގައި ރައީސް ނަޝީދަކީ ރާއްޖޭގައި "ސަންގާ"އެކު އިންވެސްޓިގޭޝަން ޖާނަލިޒަމް ތައާރަފު ކުރެއްވި ބޭފުޅާ ކަމަށެވެ.

"ހަގީގަތަކީ ނޫސްވެރިކަމުގެ ތޮށިގަނޑު ފަޅާލައިފައި ނުކުންނަން ދެން ތިބި ނޫސްވެރިންނަށް ހިތްވަރު ލިބުނީ ނަޝީދު ކުރެއްވި މަސައްކަތްޕުޅުންކަން،" އެހެން މީހަކު ބުނެފައި ވެ އެވެ.

ކުރީގެ ނޫސްވެރިޔާ މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވިދާޅުވި ގޮތުގައި ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަ ކުރާއިރު ނަޝީދު، ނޫސްވެރިކަމަށް ކޮށްދެއްވާފައިވާ ހިދުމަތުގެ ވާހަކަ ދައްކަން ޖެހެ އެވެ.

"އެއީ ތޮށިގަނޑު ފަޅާލާފައި ފާޅުގައި ލިޔުއްވި ހިތްވަރު ގަދަ ނޫސްވެރިއެއް،" ނަޝީދާ ބެހޭ ގޮތުން މޯޑު ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މިއުވާންގެ ޓްވީޓް--

ރައީސް ނަޝީދު ނޫނަސް، ނޫސްވެރިކަމުގެ ގަލަން ހައްގުވާ ބައެއް މީހުން އުނިވެފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރު ރެއަށް ހަމަވެފައިވާތީ، ރަސްމީކޮށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ގަލަން ލިބޭ ނަންތައް އެމްއެމްސީން ހޮވާފައި ވަނީ އެ ކައުންސިލްގެ މެމްބަރުންގެ ތެރެއިން އެކުލަވާލި އިނާމް ކޮމެޓީންނެވެ. އެ ކޮމެޓީގެ ބޭފުޅަކު ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވީ، ގަލަން ދިނުމުގައި ބަލާފައި ވަނީ ކެރިއާއެއްގެ ގޮތުން ނޫސްވެރިކަން ދެމެހެއްޓެެނިވި ގޮތަކަށް ކުރެއްވި ބޭފުޅުންނަށް ކަމަށެވެ.

"އަޅުގަނޑު ޕާސަނަލީ ގަބޫލުކުރަން ރައީސް ނަޝީދު ވަރަށް ގިނަ ހިދުމަތްކޮށްދެއްވިކަން. އެކަމަށް ހާއްސަ އެވޯޑެއް ދިނުން ރަނގަޅު. އެކަމަކު މިކެޓަގަރީ އަށް ބަލާއިރު ރައީސް ނަޝީދު ނޮމިނޭޓެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ސަޕޯޓަރަކު ކޮށްފައިވާ ޓްވީޓެއް--

ރައީސް ނަޝީދު ހިމެނިވަޑައި ނުގެން، ރައީސް މައުމޫން ހިމެނިވަޑައިގަތީ ކީއްވެގެންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އަލިމަސް ޝަރަފުގެ ގަލަން ދެން ލިބިވަޑައިގަތް ބޭފުޅުންނަކީ އެކި އިރު ނޫސްވެރިކަމުގެ އެކި އެވޯޑުތަކާއި ގަލަންތައް ހާސިލް ކުރައްވާފައިވާ ބޭފުޅުންނަށް ކަމަށެވެ.

"އަލިމަސް ޝަރަފުގެ ގަލަން މިދިނީ ނޫސްވެރިކަމުގެ 50 އަހަރުގެ މުނާސަބާގައި ރަން ގަލަން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތުގައި ތިއްބެވި ބޭފުޅުންނަށް،" އޭނާ ވިދާޅުވި އެވެ.

ނަޝީދަށް އެވޯޑް ނުލިބުމުން ކޮށްފައިވާ ޓްވީޓެއް--