އީއައިއޭ ހެދުމުގެ ބާރު އަލުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ދޭން ފާސްކޮށްފި

ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިމާއި ފަޅުތަކުގެ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ބާރު އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް އަލުން ގެންދިއުމަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ޓޫރިޒަމްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޓޫރިސްޓް ބޭނުމަށް ރިސޯޓު ހެދުމަށް ދޫކުރާ ރަށްރަށާއި ބިމާއި ފަޅުތަކުގައި ކުރާ މަސައްކަތްތަކާ ގުޅިގެން އެ ތަންތަނުގެ ވެއްޓަށް ދާއިމީ ބަދަލު އަތުވެދާނެ ފަދަ ކަމެއް މެދުވެރިވެދާނެތޯ ބެލުމުގެ ޒިންމާ ގާނޫނުގެ ދަށުން މަތިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެވެ.

އެކަމަކު، މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު ހުށަހެޅުއްވި ބިލްގައި ވަނީ ޓޫރިޒަމް މިނިސްޓްރީގައި މިހާރު އޮތް ބާރު އަތުލައި ތިމާވެއްޓާ ބެހޭ ވުޒާރާ އަށް އެ ބާރު ދިނުމަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ. ނިޒާރު ހުށަހެޅުއްވި އިސްލާހު ފާސްވީ 60 މެމްބަރުންގެ އިއްތިފާގުންނެވެ.

ޓޫރިޒަމް މިނިސްޓްރީއާ އެ މަސައްކަތް ހަވާލު ކުރުމުގެ ކުރިން، އެކަން ކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ.

ތިމާވެއްޓަށް ދާއިމީ ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރުމުގެ ހުއްދަ ދޫކުރަން ވާނީ އެންވަޔަރްމަންޓް މިނިސްޓްރީން އެކުލަވާލާފައިވާ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނިޒާރު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

މީގެއިތުރުން ދިވެހި ބަހުގެ އެކަޑަމީން އާޓްސް އެންޑް ކަލްޗަ މިނިސްޓަރަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހެޅުއްވި އިސްލާހު ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި ކޮމިޝަންޑް އޮފިސަރަކު ކަމަށް ނުވިޔަސް، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ހުށަހެޅުއްވި އިސްލާހު ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.