ނަޝީދަށް ދިން އަނިޔާތައް ހަނދާންކޮށްދެއްވަމުން މައުމޫނަށް މަރުހަބާ ވިދާޅުވެއްޖެ

ކުރީގެ ރަޢީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، އޭރު ނޫސްވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން އެތައް ފަހަރަކު ޖަލަށް ވަޑައިގެންނަވަން ޖެހުނުކަން ހަނދާންކޮށްދެއްވަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މައުމޫނަށް މިއަދު މަރުހަބާ ދަންނަވައިފި އެވެ.


ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ނޫސްވެރިކަމަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދެއްވި ބޭފުޅުންނަށް ގަލަން ދީފައި ވެ އެވެ. އެއީ އަލިމަސް ޝަރަފުގެ ގަލަމާއި އަލިމަސް ގަލަން އަދި ރަން ގަލަމެވެ. އަލިމަސް ޝަރަފުގެ ގަލަން ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގެންނެވި އެވެ. ނަމަވެސް ރާއްޖެ މިދެކޭ މިނިވަން ނޫސްވެރިކަމަށް ދޮރުހުޅުވައިދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ނަޝީދުގެ ހިދުމަތުގެ އަގުވަޒަން ނުކުރުމުން އެކަމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ކުރީގެ ރައީސް މައުމޫނަށް، އަލިމަސް ޝަރަފުގެ ގަލަން ރައީސް ރޭ ހަވާލުކޮށްދެއްވަނީ ---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކީ ބައެއް މީހުން ބުނިގޮތުގައި، މައުމޫންގެ ވެރިކަމުގައި ނޫސްވެރިކަން ކަސްތޮޅު އަޅުއްވާފައި އޮއްވައި އެ ކަސްތޮޅުތައް ނައްޓަވައިދެއްވީ ރައީސް ނަޝީދެވެ. އެހެންވެ ނޫސްވެރިކަމަށް 75 އަހަރު ފުރިގެންދާއިރު އެމަނިކުފާނުގެ ހިދުމަތް ފާހަގަކުރަންޖެހޭ ކަމަށް ދެކޭ ކަމަށް ބުނެފައި ވެ އެވެ.

މައުމޫނަށް މަރުހަބާ ދަންނަވައި ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސަރުކާރާ ދެކޮޅު ލިޔުންތައް ލިޔުއްވައިގެން 14 ފަހަރަށް ވުރެ ގިނައިން ހައްޔަރުކޮށް ޖަލަށް ލައި ދައުވާ ކޮށްފައިވާ ކަމަށެވެ.

ނަޝީދު ކުރެއްވި ޓްވީޓް

ނަޝީދަކީ ނޫސްވެރިއެއްގެ އިތުރުން ނޫސްވެރިކަމާ ގުޅުން ހުރި ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާ އަދި ފޮތް ވެސް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގައި 90ގެ ތެރޭގައި ނުކުތް މަޝްހޫރުު "ސަންގު" ނޫސް ވުޖޫދަށް ގެނައުމާއި އޭގެ ނޫސްވެރިއެއްގެ ގޮތުން ވިދާލި އެންމެ މަޝްހޫރު ނަމަކީ އެމަނިކުފާނެވެ.

އެ މަޖައްލާގެ ސަބަބުން އެ ނޫސް ބަންދުކުރުމާ އެކު، އޭގެ ފަހުން "މިނިވަން" ނަމުގައި ނޫހެއް އުފެއްދެވި އެވެ. އެ ނޫސް ހުއްޓާލެއްވީ، 2008ގައި ވެރިކަމަށް ވަޑައިގެން، ވެރިކަމުގައި ހުންނަވާއިރު އަމިއްލަ ނޫހެއް ހިންގަވަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެ އެވެ. ލިޔުންތެރިކަމުގެ ސަބަބުން އެތައް ފަހަރަކު އެމަނިކުފާނަށް ވަނީ މައުމޫނުގެ ސަރުކާރުގައި ޖަލުގެ ތޭރިތަކުގެ ބިތްދޮށަށް ވަޑައިގަންނަވަން ވެސް ޖެހިވަޑައިގެންފަ އެވެ. އެމަނިކުފާނު މިހާރު ވެސް ދޭތެރެދޭތެރެއިން ނޫސްތަކަށް ލިޔުއްވަ އެވެ.