ކުރީގެ މިނިސްޓަރު ނާޒިމްގެ ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން މިރޭ އޭނާ އެއްކޮށް މިނިވަންކޮށްފި އެވެ.


ނާޒިމް 11 އަހަރަށް ޖަލަށްލާން 2015 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ދައުލަތުން އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާއާ ގުޅިގެންނެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ނާޒިމްގެ ފަރާތުން ކުރިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައި އޮތަސް، މިދިޔަ މަހު ނާޒިމްގެ ފަރާތުން އަލުން އެ މައްސަލަ ރިވިއު ކުރަން ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ. އަދި އެ މައްސަލަ ނިމެންދެން ނާޒިމްގެ ޖަލު ހުކުމް ފަސްކުރަން ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު އެ ކޯޓުން މިރޭ ކުރި ހުކުމުގައި ވަނީ ނާޒިމް ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ހުކުމްކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށާއި އެހެންވެ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން އެ ހުކުމް ބާތިލްކުރާ ކަމަށެވެ.

ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ ކޮޓަރިން ފެނުނު ހަތިޔާރަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށް ނާޒިމްގެ ފަރާތުން ބުނަމުން އައިސްފައިވާއިރު، އެ ތަކެއްޗާ ނާޒިމާ ގުޅުވޭނެ ހެއްކެއް ސައްހަ މަގުން ޝަރީއަތަށް ހުށަހެޅިފައި ނެތް ކަމަށެވެ. އަދި އެ މައްސަލަ ދަށު ކޯޓާއި ހައި ކޯޓުން ނިމުނު ފަހުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ އެ ފިސްތޯލައިން ފެނިފައިވާތީ އެކަމަކީ އެ ތަކެއްޗާ ނާޒިމާ ގުޅުން ނެތް ކަމަށް ބުނެ އޭނާ ފާހަގަ ކުރަމުން އައިސްފައިވާ ކަންކަމަށް އިތުރަށް ބާރު ލިއްބައިދޭ ގަރީނާއެއް ކަމަށް ވެސް ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމްގެ ކޮޓަރިން ފިސްތޯލަ އާއި ތިން ވަޒަނާ އޭނާއާ ގުޅުން އޮތް ކަމަށް ބުނެ ދަައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނުނު ޕެން ޑްރައިވާއި އޭގެ ތަހުލީލު ރިޕޯޓަށް ބަލާއިރު ވެސް، އެ ހަތިޔާރާ ނާޒިމާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ނާޒިމްގެ އިނގިލީގެ ނިޝާން އެ ހަތިޔާރުން ފެނިފައި ނުވާއިރު، އެ ހަތިޔާރާ އޭނާއާ ގުޅުވޭނެ ސައިންޓިފިކް ހެއްކެއް ވެސް ލިބިފައި ނެތް ކަން ފަނޑިޔާރު އާދަމް މުހައްމަދު ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ނާޒިމްގެ އެޕާޓްމެންޓް ބަލައި ފާސް ކުރި ފުލުހުންގެ ހެކިބަހަށް ބަލާއިރު، އެތަން ބަލައި ފާސް ކުރުމުގައި އަމަލުކުރި އިޖްރާއާތްތައް ވެސް ގޯސްކަން އެނގެ އެވެ. އެގޮތުން ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތައް އެވިޑެންސް ބޭގަކަށް އެޅި ކަމަށް ފުލުހުންގެ ހެކިބަހުގައި ބުނާއިރު، އެ ތަކެތި އެ ބޭގަށް އެޅުމުގެ ކުރިން އޭގެ ތެރޭގައި އިތުރު އެއްވެސް އެއްޗެއް ނެތްކަން ނާޒިމަށް ނުވަތަ އެތަނުގައި ތިބި އެ ގޭގެ އެހެން މީހުންނަށް ދައްކާފައި ނެތް ކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ނާޒިމަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން މިރޭ ބާތިލް ކުރިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.