ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވީ، ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އަށް ކަމަށެވެ.
މުންދު ވިދާޅުވިގޮތުގައި، ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަނީ މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލައިގައި ކަމަށެވެ. ޔާމީންގެ އިތުރުން، އެ އެކައުންޓަށް ފައިސާތައް ޖަމާކުރި "ޖޫނިއާ ކުއްޖަކު" ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.
"ރައީސް ޔާމީން އަމިއްލަފުޅަށް ޗިޓާ ހަވާލުވެވަޑައިގަތީ،" އޭނާ ވިދާޅުވި އެވެ.
ފުލުސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުސް އޮފީހުން އަޅަމުން އަންނަ ކަމަށް ބަޔާނުގައި ވެ އެވެ.
ރިޔާސީ އިންތިޚާބު ކުޑަތަންވެފައި ވަނިކޮށް، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވަނީ ކުރިން ފެންމަތިވެފަ އެވެ.
ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްޗަށް "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓަރީ ހެދި އަލް ޖަޒީރާއިން އޭރު ފެތުރި ޚަބަރުގައި ބުނެފައި ވަނީ، އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ދެ ބުރެއްގެ މަތިން 1.5 މިލިއަން ޑޮލަރު، އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އެ ޚަބަރުގައި އަދަދުތައް ބޭނުންކޮށްފައި ވަނީ ޑޮލަރުން ނަމަވެސް "މިހާރު" އަށް ލިބުނު މައުލޫމާތުތަކުން އެނގެނީ ޔާމީންގެ އެކައުންޓަށް ޖަމާކުރީ ދިވެހި ރުފިޔާ ކަމެވެ. އެކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ ވަގުތުން ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް، އެނގިފައިވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްއައިޔޫ އިން ފުލުހުންނަށް ފޮނުވި ސިޓިއެއްގައި ފާހަގަކޮށްފައި ވަނީ ޔާމީންގެ ނަންފުޅުގައި އެމްއައިބީގައި އޮތް އެކައުންޓަކަށް ސެޕްޓެމްބަރު 5 ގައި ޖަމާކުރި 10 މިލިއަން ރުފިޔާ އާއި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެކެވެ. އެއީ ރިޔާސީ ކެމްޕެއިންނަށް ލިބުނު ފައިސާ ކަމަށް ބުނެފައި ވާތީ، ފުލުހުންގެ ކިބައިން އެދުނީ އެކަން ތަހުގީގުކޮށްދޭން ކަން ވެސް ވަނީ އެނގިފަ އެވެ.
އެފްއައިޔޫ އަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވަން ހެދި ވަރުގަދަ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާ އަދި އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓެކެވެ.