ދެ ކޮމިޝަނަށް ދިން ބޮޑެތި ބާރުތައް ބިލުން ނަގައިފި

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ކަނޑައެޅި ބޮޑެތި ބާރުތައް ނެގުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލް ފާސްކޮށްފި އެވެ.


ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުން މި އުނިކުރީ، އެކަމާ މެދު ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އިތުރުން ކޯލިޝަން ސަރުކާރުގެ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި އޮއްވަ އެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ބިލުން ބާރުތަކެއް ނެގިޔަސް، ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެ ކަމަށް ބިލްގައި މިހާރު ވަނީ ބުނެފަ އެވެ.

މަރުގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަންގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ކޮމިޓީން އެގޮތަށް ބަދަލު ގެނައިއިރު، އެންމެ ފުރަތަމަ ބިލް ހުށަހެޅި އިރު އޮތީ ކޮމިޝަންތަކުން ކުރާ ތަހުގީގުތަކާ ގުޅިގެން ފުލުހުން މެދުވެރިކޮށް، ތަންތަން ބަލައި ފާސް ކުރުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ފުރުސަތު ވެސް ކޮމިޝަންތަކަށް ލިބޭ ގޮތަށެވެ.

މީގެ އިތުރުން ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދަން ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި ތުހުމަތު ކުރެވޭ މީހާގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެފަދަ އެކައުންޓުތައް ފްރީޒް ކުރުމަށް ބޭންކްތަކަށް އެންގުމުގެ ބާރާއި ޕާސްޕޯޓް ހިފަހައްޓަން އެންގުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ބާރު ވެސް އޮތީ ބިލުން ދީފަ އެވެ.

އެކަމަކު ކޮމިޓީން ބިލަށް ބަދަލު ގެނައި އިރު، އެ ހުރިހާ ބާރުތަކެއް ވަނީ އުނިކޮށްފަ އެވެ.

ނަމަވެސް ރިޔާސީ ކޮމިޝަންތަކުން ބަލާ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ކޮމިޝަނުން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެ ނޫން ވެސް ތަކެތި ހުށަހަޅަން އެންގުމުގެ ބާރު އޮވެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ނަމުގައި ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ކޮމިޝަންތަކުން ބަލަން ޖެހޭނީ ވަކި މުއްދަތެއްގެ ތެރޭގައި ހިނގާފައި ހުރި ކަންކަން ކަމަށް ވިޔަސް، އެ ބައި ވެސް މިހާރު ވަނީ އުނިކޮށްފަ އެވެ. ބިލް ފުރަތަމަ ހުށަހެޅި އިރު، އޮތީ ޖެނުއަރީ 1، 2012 އިން ނޮވެމްބަރު 17، 2018ގެ ނިޔަލަށް ހިނގި ކަންކަން ބެލުމުގެ ޒިންމާ އެވެ.

ދެ ކޮމިޝަނުން ހޯދާ ޖިނާއީ މައްސަލަތައް ބަލައި، ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ވަކި އިދާރާއެއް ހަދަން ޖެހޭ ގޮތަށް ބިލްގައި ކުރިން އޮތް މާއްދާ ވެސް މިހާރު ވަނީ އުނިކޮށްފަ އެވެ.

ބިލަށް ގެނައި އިސްލާހުގައިވާ ގޮތުން ކޮމިޝަނަކުން ތަހުގީގު ކުރާ މައްސަލައެއްގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަހުގީގު ފުރިހަމަވުމާ އެކު ދައުވާކުރަން ފޮނުވަން ޖެހެނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށެވެ. މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭ ނަމަ، އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ފޮނުވަން ޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށެވެ.

ކޮމިޝަންތަކުން ތަހުގީގުކޮށް، ފޮނުވާ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނާ މާއްދާ އާއި ދައުވާ ކުރަން ފޮނުވައިފި ނަމަ، ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ޝަރީއަތް ނިންމަން ވާނެ ކަމަށް ހިމެނި މާއްދާ ވެސް ވަނީ އުނިކޮށްފަ އެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޮމިޝަންތަކުގައި ހިމެނޭ މެމްބަރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމުގެ ބާރު ވަނީ ދީފަ އެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ކުރުމަށް އޮފީހަކާއި ކޮމިޝަންގެ ބަޖެޓު ހަމަޖައްސަން ވާނެ ކަމަށް ވެސް ރިޔާސީ ކޮމިޝަންތަކުގެ ބިލަށް އަލަށް އިތުރު ކުރި ބައިތަކުގެ ތެރޭގައި ހިމެނެ އެވެ.

މަރުގެ މައްސަލަތަކާ ގުޅޭ ކޮމިޝަންގެ މެމްބަރުންނަކީ ގާނޫނީ ވަކީލު ހުސްނުއް ސުއޫދާއި އަބްދުﷲ މުނާޒާއި އާދަމް އިބްރާހީމާއި ވަކީލު ފަރީޝާ އަބްދުﷲ އާއި ކުރީގެ ނޫސްވެރިޔާ މިސްބާހް އައްބާސް އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން އުފެއްދެވި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ތިއްބަވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ފާތުމަތު ސަރީރާ އާއި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދާއި އާސް އަބްދުﷲ އާއި ނަދީމް އިބްރާހީމް އަދި އައިމިނަތު ހަސަނެވެ.

ބިލްގައި ދެ ކޮމިޝަނަށް ދިން ބޮޑެތި ބާރުތަކެއް އުނިކޮށްފައި ވަނީ ދެ ކޮމިޝަނަށް ގާނޫނަކުން ބޮޑެތި ބާރުތަކެއް ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެފަދަ ބާރުތަކެއް އެ ދެ ކޮމިޝަނަށް ދީފި ނަމަ، ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށެވެ.