ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ލިބޭ ބިލެއް ހުށަހަޅައިފި

ކުރީގައި ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރިނުވެ، އެ މަގާމުން ވަކިވެއްޖެނަމަ، ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކުރީގެ ނައިބު ރައީސުންނަކީ އިއްޒަތާއި ގަދަރާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާ ބަޔަކަށް ވާތީ މިފަދަ ބިލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. ކުރީގެ ނައިބު ރައީސުންނަކީ އަބަދުމެ، ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް މަޖިލީހަށް ހުށަހެޅި އިރު، ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނީ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ.

އަދި މިހާރު ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމަށް ބިލުން އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ކުށްވެރިނުވެ، މަގާމުން ވަކިވެ ވަޑައިގަންނަވާ ހިސާބުންނެވެ.

ސަލީމް ހުށަހެޅުއްވި ބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުގެ އެންމެ މަތީވެރިޔާގެ ނައިބަށް ދޭން ޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި އިނާޔަތްތައް އެބޭފުޅުންނަށް ވެސް ލިބެން ވާނެ ކަމަށެވެ.

ބިލްގައިވާ ގޮތުން، ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ދައުލަތުގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް، ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހެ އެވެ.

ދައުލަތުގެ ބަޖެޓުން މިހާރު އިނާޔަތް ދެނީ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށެވެ. އެގޮތުން، އޮފީސް ހިންގުމުގެ ޚަރަދާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށާއި މާލީ އިނާޔަތުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދިނުމަށް ބަޖެޓުގައި ކޮންމެ އަހަރަކު ވެސް ހިމަނަ އެވެ.

ބިލްގެ ފުރަތަމަ ކިއުން އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި އިއްވި އިރު، ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ރައީސް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.