މަގުމަތީގައި ބެހެއްޓީ އެހެން ތަނަކަށް ދޫކުރި ބޯޑެއް: ކައުންސިލް

ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މ. ނަލަހިޔާ މަންޒިލްގައި އިމާރާތުގެ މަސައްކަތް ކުރުމަށް ބެހެއްޓި ބޯޑަކީ އެހެން މަސައްކަތެއް ކުރުމަށް ކުންފުންޏަށް ދޫކުރި ބޯޑެއް ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތަކާ އަކުން ޖެހި އުމުރުން ހަތް އަހަރުގެ ބަންގްލަދޭޝް އަންހެން ކުއްޖަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އަދި އަންހެން ކުއްޖާ އަށް ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ. އެ ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނަށް އިމާރާތް ކުރުމަށް ދިން ހުއްދަ ވަގުތީގޮތުން ވަނީ ހިފަހައްޓައިފަ އެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ ޑަބްލިއު ކޮންސްޓްރަކްޝަނަށް ދީފައިވާ ހުއްދަތައް ވަގުތީ ގޮތުން ހިފެހެއްޓީ ނަލަހިޔާ މަންޒިލްގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރުމުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވީ ވިދާޅުވީ މ. ނަލަހިޔާ މަންޒިލްގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެ ސަރަހައްދުގައި އިއްޔެ ބަހައްޓާފައި ހުރި ނުރައްކާ ނިޝާން ޖެހި ބޯޑަކީ ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ބޯޑެއް ކަމަށެވެ.

އެ ބޯޑަކީ މުހައްމަދު ޖަމީލް މިސްކިތުގެ މަގު ފާރުގައި ސިމެންތި ޖެހުމަށް މާލެ ސިޓީ ކައުންސިލުން ގެންގޮސްފައި ހުރި ބޯޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޯޑު އެ މަސައްކަތަށް ގެންގޮސްފައި ހަވާލުކޮށްފައެއް ނުވޭ. ގަވައިދުގައި އިންނާނެ ޓޭޕް ދަމައިގެން އިން ވަކިކޮށްފައި މީހުންނަށް ނުވަދެވޭ ގޮތަކަށް ހަދަން ޖެހޭނެ ކަމަށް. އެކަން ކޮށްފައެއް ނެތް،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ސައިޓުގައި ސުޕަވައިޒަރެއް ނެތް އިރު، އެތަނުގެ ކައިރިން ދާ މީހުންނަށް ސައިޓްގައި މަސައްކަތް ކުރާ ބިދޭސީން އެއްވެސް އިންޒާރެއް ވެސް ދީފައި ނުވާ ކަމަށެވެ.

ޝިފާ ވިދާޅުވީ މާލޭގައި ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުން އަންނަ ސައިޓްތައް ހިމެނޭ ގޮތަށް ހުރިހާ ސައިޓްތަކެއް ކަމާބެހޭ ބައެއް އިދާރާތައް ގުޅިގެން މިއަދު ފަށާނެ ކަމަށެވެ. އެކަމަކު، ހުރިހާ ސައިޓްތަކަށް ވަދެ، ސަލާމަތީ ކަންކަން ބެލުމަށް ދެ ހަފްތާވަރު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ޝިފާ ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުން މަދުވުމެވެ.

މީގެއިތުރުން، ކުންފުނިތަކުގެ އިސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެހުމަށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މާލޭގެ މޭޔަރު ވިދާޅުވި އެވެ.

"ވަރަށް ބޮޑު ހާދިސާއެއް މި ހިނގީ. އަޅުގަނޑުމެން ވިސްނާނީ އެންމެ ފުރަތަމަ ސަލާމަތާއި ރައްކާތެރިކަމަށް،" ޝިފާ ވިދާޅުވި އެވެ.

ކައުންސިލަރު ހުސެއިން ޝަރީފު ވިދާޅުވީ ޑަބްލިއު ކޮންސްޓްރަކްޝަނުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލަން އެންގުމަށާއި ސިމެންތި ބަސްތާ ފަދަ ތަކެތި ވާ ޖަހައިގެން އެރުވުން ވަގުތީ ގޮތުން މަޑުޖައްސާލަން އެންގުމަށް ކައުންސިލްގެ ރޭގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލާއި، ފުލުހުން، ސިފައިން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ވެސް ހިމެނޭ ގޮތުން އިންސްޕެކްޝަން ޓީމްތަކެއް މާލޭގެ އިމާރާތް ކުރަމުންދާ ސައިޓްތަކަށް ގޮސް، ސަލާމަތީ ކަންކަން ބަލަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.