ދިވެހިންނަށް އިންޑިއާ ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިންނަށް އިންޑިއާ ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.


ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ބޮޑުވަޒީރު ނަރެންދުރަ މޮދީގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް އެވެ.

އާ ވިސާ އެއްބަސްވުމާ އެކު ދިވެހިންނަށް ލިބޭނެ ފައިދާތައް

- ޓޫރިޒަމާއި ބޭސްފަރުވާ އާއި ވިޔަފާރިއާ ގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި 90 ދުވަހުގެ ވިސާ ލިބޭނެ. (ކޮންމެ ހަ މަހަކުން ގިނަވެގެން 90 ދުވަސް)

- ޓޫރިސްޓު ވިސާގައި އިންޑިއާއަށް އެތެރެވުމަށް ފަހު، ކުރިމަތިވާ ސިއްހީ ކުއްލި ކަމަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުގައި މަޑުކުރަން ޖެހިއްޖެ ނަމަ، ރާއްޖެ ނައިސް މެޑިކަލް ވިސާ ހަމަޖެހޭނެ. އެ ހާލަތުގައި އެހީތެރިންނަށް ވެސް މެޑިކަލް ވިސާ ލިބޭނެ.

- ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ މީހުން އެންމެ ގިނަ ވެގެން ހަ މަސް، ނުވަތަ ހާލަތަށް ބަލައި އެއް އަހަރާ ހަމައަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވިސާ ދޫކުރާނެ. އެފަދަ ހާލަތެއްގައި ވިސާ ދޫކުރާނީ ދެ އެހީތެރިންނާ އެކު.

- އިންޑިއާގައި ކިޔަވަން ހުންނަ މުއްދަތަށް ނަމަ، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ދޫކުރާނެ.

- އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް، އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެ.

- މަތީ ތައުލީމަށް ކިޔަވަން ނުވަތަ އެކި ކަންކަމާ ގުޅޭ ރިސާޗް ހެދުމަށްޓަކައި އިންޑިއާގައި ތިބޭ ދަރިވަރުންގެ ކުދިން (18 އަހަރުން ދަށް ނަމަ) އަނބިންނާއި ފިރިން އަދި މައިންބަފައިންނަށް ވެސް ވިސޭ ހަމަޖައްސައި ދޭނެ.

- އިންޑިއާގައި ކިޔަވަން ތިބޭ ބެލެނިވެރިންގެ 18 އަހަރުން ދަށުން ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި އެ މީހުންނަށް ވެސް ވިސާ ލިބޭނެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ކުރިން ވިދާޅުވެފައި ވަނީ މިއީ، އިންޑިއާއިން އެއްވެސް ގައުމަކާ ދޭތެރޭގައި ކުރެވޭނެ އެންމެ މިނިވަން އަދި އެންމެ ދީލަތި ވިސާގެ އެހީތެރިކަން ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންޑިއާގެ ވިސާ ރެޖީމްގެ ދަށުން ލިބޭ އެންމެ ބޮޑު ލުއި މީ،" ޝާހިދު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެން މިއަދު ވަނީ އިތުރު ތިން އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.

އެއީ ސަގާފީ ގުޅުން ބަދަހި ކުރުމާ ގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އަކާއި ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެމްއޯޔޫއެއް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން ސޮއިކުރި ޖޮއިންޓް ޑެކްލެރޭޝަން އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އިންޑިއާގެ ބޮޑުވަޒީރު މޮދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި ބާއްވަވައިފަ އެވެ.