ކުއްޖާ މަރުވި ހާދިސާއިން ފިލާވަޅު ލިބި، ފިޔަވަޅު އަޅަން ޖެހޭ: ރައީސް

ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އިއްޔެ ޒަހަމްވި ހަތް އަހަރުގެ އަންހެން ކުއްޖާ މަރުވި ހާދިސާއިން އެންމެން ފިލާވަޅު ލިބިގަނެ، ސަލާމަތީ ފިޔަަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ރަވްޝަން ޖިއާން، މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.

އެ ކުއްޖާ މަރުވުމުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަ ކުއްޖެއްގެ ފުރާނަ ގެއްލުމަށް ވުރެ ބޮޑު ހިތާމައެއް ނޯންނާނެ ކަމަށެވެ.

"ޅަ ރަވްޝަން ޖިއާންގެ މައިންބަފައިންނަށާއި އާއިލާއަށް އަޅުގަނޑުގެ އިޚުލާސްތެރި ތައުޒިޔާ ދަންނަވަން. މި ހިތާމަވެރި ހާދިސާއިން އަޅުގަނޑުމެން އެންމެން ފިލާވަޅު ލިބިގަނެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން މަސައްކަތްކުރަން ޖެހޭ،" ޓްވީޓްގައި ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސްގެ ޓްވީޓް

އިއްޔެ ހެނދުނު ހިނގި ހާދިސާއާ ގުޅިގެން ޖިއާާންގެ އޮޕަރޭޝަންތަކެއް ވަގުތުން ކުރި އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ އެތެރެހަށީގެ މުހިންމު އެތައް ގުނަވަނަކަށް ލިބިފައި ހުރި ގެއްލުންތައް ބޮޑުކަމުން، އޮޕަރޭޝަނަށް ފަހު ވެސް ހާލު ވަރަށް ސީރިއަަސް އެވެ. ހޮސްޕިޓަލްގައި އޮއްވާ ވެސް ދެ ފަހަރަށް ހާޓް އެޓޭކް ޖެހުނު ކަމަށް އެނގިފައިވެ އެވެ.

ޖިއާންގެ މައިންބަފައިން ބޭނުންވީ ވީހާ ވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދާށެވެ. އެކަމަކު މަތިން ގެންދެވޭ ވަރަށް ވުރެ ކުއްޖާގެ ހާލު ސީރިއަސް އެވެ.

ހާދިސާ ހިނގި ވީޑިއޯ އިން ފެންނަނީ މަޑުމަޑުން ޖިއާން ހިނގަމުން އަންނަ ތަނެވެ. އޭނާގެ ފަހަތުގައި މަންމަ ވެސް ހުއްޓެވެ. ދެން ކުއްލިއަކަށް މުޅި ތަނަށް ފެތުރެނީ މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސިމެންތިތަކެވެ. ބެލެވޭ ގޮތުގައި ސިމެންތި ބަސްތާ ވެއްޓުނު އިރު ކޮންމެވެސް ތަނެއްގައި ޖެހި، ފަޅައިގެން ވެސް ދިޔަ އެވެ.

މުޅި ތަން ސާފުވި އިރު ކުއްޖާ އޮތީ ހަރަކާތެއް ނެތިފަ އެވެ. ފ. ނިލަންދޫ ހޮސްޕިޓަލްގައި މަސައްކަތްކުރަމުން އަންނަ ދެ ޑޮކްޓަރުން އެ މީހުންގެ ދެ ކުދިންނާ އެކު މާލެ އައީ ފަސް ދުވަހުގެ ޗުއްޓީއެއްގައި، ވިޔަފާރިކޮށްލާށެވެ. ސިމެންތި ބަސްތާ ވެއްޓުމުގެ ހިތާމަވެރި މި ހާދިސާ ހިނގީ، ހެނދުނު ސައި ބޮއިގެން ޖިއާން އާއި އޭނާގެ މަންމަ ގެއަށް ދިއުމުގެ މަގުމަތީގައި ކަމަށްވެ އެވެ. އުމުރުން ހަތް އަހަރުގެ ޖިއާންގެ ގަޔަށް ސިމެންތި ބަސްތާ ވެއްޓޭ މަންޒަރު ވީޑިއޯ އާންމުވުމާ އެކު އެތައް ބަޔަކަށް ލިބުނީ ޝޮކެކެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާލެއް ފަރުވާކުޑަކަމުގެ ޝަކުވާތައް އޮއްސާލި އެވެ. ސޯޝަލް މީޑިއާ ފުރުނީ ހަމްދަރުދީގެ މެސެޖްތަކުންނާއި ރުޅިވެރިކަމުގެ ބަސްތަކުންނެވެ.

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ހިންގާލެއް ފަރުވާކުޑަކަމާއި ނުރައްކާތެރިކަމާ މެދު، މި ހާދިސާއާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ޝަކުވާކުރަމުންނެވެ. އަދި ސިޓީ ކައުންސިލުން މިހާރު ވަނީ ނަލަހިޔާ މަންޒިލް ހަދަމުން ގެންދާ ޑަބްލިޔު ކޮންސްޓްރަކްޝަނަށް ދިން ހުއްދަތައް ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އަދި އިމާރާތްކުރުމުގެ ހުއްދަދިނުން ވަގުތީ ގޮތުން ވަނީ މެދު ވެސް ކަނޑާލައިފަ އެވެ.