ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.


ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަޕާނަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާއާ އެކު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖަޕާނަށް ވަޑައިގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިރޭ ކުރެއްވި ޓުވީޓު.

ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު މިހާތަނަށް ވަނީ ބޭރުގެ ދެ ގައުމަކަށް ވަޑައިގެންފަ އެވެ. އެއީ އިންޑިއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޝާހިދު ދެ ފަހަރަށް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝާހިދު ކުރިން ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ގޮތުގެ މަތިން ގައުމުތަކާ ގުޅުންތައް ބަދަހި ކުރަމުން ގެންދާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ގުޅުން ބަދަހި ކުރަން ސަރުކާރުގެ ވަފުދުތައް ކުރިއަށް އޮތް ދުވަސްތަކުގައި އެކި ގައުމުތަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

އިންޑިއާގެ އާގްރާގައި ޝާހިދު މިއަދު ވިދާޅުވީ އިންޑިއާއަށް ކުރެއްވި ދަތުރަކީ އެހެން ގައުމުތަކާ އެކު ހަރުދަނާ ގުޅުންތަކެއް ބިނާ ކުރުމުގެ ބިންގާ އެޅިގެންދިޔަ ދަތުރެއް ކަމަށެވެ. ރާއްޖެ، އެއް ގައުމު އަނެއް ގައުމާ ދޭތެރޭގައި ޖައްސުވަން މަސައްކަތް ކުރާ ބަޔަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާ އެކު ރަހްމަތްތެރިކަމުގެ ގުޅުން ގާއިމު ކުރަމުން ގެންދާނެ ސަރުކާރެއް،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ އަހަރުގެ ކުރީކޮޅު ވަޑައިގަންނަވާނީ އަބޫދާބީއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި، ދަތުރުފުޅަކީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.