ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވާހަކަފުޅުދައްކަވަނީ. ވިޕާ ހިލާފުވެވަޑައިގެންނެވި މެމްބަރުންގެ ދިފާއުގައި މައުމޫން ވަނީ ވާހަކަފުޅު ދައްކަވާފައި. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
18 އޯގަސްޓް 2016 - 23:49
މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަމުން އަންނަ ބިލުތަކާއި އިސްލާހުތަކަކީ ގާނޫނުއަސާސީއާ ހިލާފު ބިލުތަކެއް ކަމަށާއި އެއާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިޕާ ހިލާފުވެވަޑައިގެންނެވި މެމްބަރުންނަށް ތައުރީފް ކުރައްވައިފި އެވެ.
ރައީސް މައުމޫން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަހަކަށް އައިސް މަޖިލީހުން ފާސްކުރި ބައެއް ބިލުތަކާއި އިސްލާހުތަކުގެ ތެރެއިން ހިޔާލުފާޅުކުރުން ހަނިކުރާ ގާނޫނަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ކުރެވި، ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހަނިކުރި ގާނޫނެއް ކަމަށެވެ.
މީގެ އިތުރުން އެއްވެ އުޅުމުގެ ބިލަށް ހުށަހެޅި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައި އޮތް އެއްވެ އުޅުމުގެ މިނިވަންކަން ހަނިވެފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ތެރެއިން ހޯދައިދޭން މަސައްކަތް ކުރި އަސާސީ ހައްގުތައް ހަނިކުރެވޭތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް 2008 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގުކުރެއްވިއިރު، ވެރިކަމުގައި ހުންނެވި ރައީސް މައުމޫން މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑު އިއުލާން ކުރި އިސްލާހީ އެޖެންޑާގެ ދަށުން، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ރައްޔިތުންގެ ތާއީދާއެކު މަސައްކަތް ކުރީމެވެ. ނަމަވެސް މިހާރު މި ފެންނަނީ އަޅުގަނޑު ގެންނަން މަސައްކަތް ކުރި ޒަމާނީ ޑިމޮކްރަސީގެ ފިޔަވަޅުތައް ނެތިގެންދާ ތަނެވެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކުރި ބައެއް ބިލުތަކާއި އިސްލާހުތަކަކީ ޕީޕީއެމްގެ މައިގަނޑު މަގްސަދުތަކާ ވެސް ހިލާފު ކަންކަމެވެ. ޕީޕީއެމުން މަސައްކަތް ކުރަންވާނީ ގާނޫނުއަސާސީން ކަށަވަރުކޮށްދިން ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތައް ގައުމުގައި އަށަގެންނެވުމަށެވެ. އަދި އަސާސީ ހައްގުތައް ރައްޔިތުންނަށް ހޯދައިދީ ގާނޫނުތަކަށް ބޯލަނބާ ރައްޔިތަކު ދިރިއުޅޭ ތަނަކަށް ހެދުމަށެވެ.
މި އިސްލާހުތަކާއި ބިލުތަކަށް ވޯޓު ނުދެއްވި މެމްބަރުން އެ ކުރައްވާ ގައުމީ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށާއި އެ މެމްބަރުންނަކީ ޕީޕީއެމްގެ މައިގަނޑު މަގްސަދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ މެމްބަރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ މި ދެންނެވި މެމްބަރުންނަކީ ނަމޫނާއަކަށް ބައްލަވައިގެން ޕީޕީއެމްގެ އެހެން މަޖިލިސް މެމްބަރުން ވެސް ހިތްވަރާއެކު ގައުމާއި ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެވުމެވެ،" މައުމޫން ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅާ ބިލްތަކަށް ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވަން ޖެހޭނެ ކަމަށް ޕީޖީ ގްރޫޕުން އުސޫލެއް ކަނޑައަޅާފައި ވަނިކޮށް، ފަހަކަށް އައިސް ނެގި ވޯޓުތަކުގައި ބައެއް މެމްބަރުން ވަނީ ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޖަލްސާގައި ހާޒިރުވެވަޑައިގެން ވޯޓު ނުދެއްވާ މެމްބަރުންނާއި ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ތިއްބަވާ މެމްބަރުންގެ އިތުރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގެން ވިޕްލައިނާ ހިލާފުވެވަޑައިގަންނަވާ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ވޯޓު ދޭ ގަޑިއަށް ޖަލްސާ އިން ބޭރަށް ނުކުމެވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނީ ފަހަކަށް އައިސް މަޖިލީހަށް ހުށަހެޅުނު ބައެއް ބިލުތަކާއި އިސްލާހުތަކުގެ ސަބަބުންނެވެ. އެގޮތުން ބިޑަކާ ނިލާ ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅުމާއި ހިޔާލުފާޅުކުރުން ހަނިކުރި ގާނޫނާއި، މުޒާހަރާ ކުރުން ހަނިކުރާ އިސްލާހާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހާ މެދު ޕީޕީއެމް މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭައަހަރެން
20 August 2016
މަނިކުފާނަށް ވޯޓު ނުދިން ރައްޔިތުންވެސް ކުރީ ގަައުމީ މަސައްކަތެއް
މިސްރާބު
19 August 2016
ވަރަށް ޙައްގު ބަސްފުޅެއް ތިޔަވިދާޅުވި
މރ.ކުޑަހުވަދޫ
19 August 2016
ރައީސްމައުމޫން ތިޔަވިދާޅުވީ ތެދުފުޅެއް. މަނިކުފާނަކީ ހަމަ ގަބޫލުކުރައްވާ ބޭފުޅެއްކަން ސާބިތުކޮށްދެއްވައިފ.
ޒާހިރު
19 August 2016
ތެދުފުޅެއް، އަޅުގަނޑުވެސް ގަބޫލްކުރާގޮތުގައި މިހާރު މަޖިލީހުގައި ތިބި ޕީޕީއެމް އަށް ނިސްބަތްވާ ގިނަ މެމްބަރުންނަކީ ގައުމަށް ޣައްދާރުވާބަޔެކޭ ބުނުމުގެ ފުރުސަތު އެބައޮތް. ކަނޑައެޅިގެން އެގިތިބެ ޤާނޫނު އަސާސީޔާ ޚިލާފު އިސްލާޙްތަކެއް ހުށައަޅައިގެން އެބިލް ފާސްކުރަން ވޯޓްދޭއިރު ތިމާމެން މާތްﷲ ގަންދީ ކޮއްގެން ތިބި ހުވާގެމަތިން ހަދާންވެސްނެތެވެ. އަޅުގަޑުގެ ދުޢާއަކީ ރައްޔިތުންގެ ޙައްގުތަކައް އަރައިގަންނަ މެމްބަރުންނަށް ހެޔޮވިސްނުންދެއްވާ ރާއްޖެ ވެއްޓެމުންމިދާ ނާމާންކަމުގެ ތެރެއިން ސަލާމަތްކުރުމުގެ ވިސްނުން އެމެމްބަރުންނަށް ދެއްވުމެވެ.
މުހަންމަދު
19 August 2016
ގެންޓުގެ ކޮމެންޓަށް ވަރަށް ބޮޑަށް ސަޕޯޓުކުރެވޭ.
އަޙްމަދު
19 August 2016
ގެންޓު ގެ ކޮމެންޓު ކިޔޭވަރަށްވުރެ މާ ދިގު.
އަލްޖިބްރާ
19 August 2016
މަޖްލިސްގެ " މެޖޯރިޓީ " ޕީ.ޕީ.އެމް އަށް ލިބުނު ދުވަހުވެސް މަނިކުފާނު ތިހެންވިދާޅުވި !
މިރައީސް
19 August 2016
މިނިވަން ނޫރާނީ ދައުރު އަދިކިރިޔާ ފެށެން އެއުޅެނީ އެވެ. އަޅުގަނޑަށް މާފުކުރައްވާށެވެ. ރައްޔިތުންގެ ދުވަހަަށް އިރު އަރަން ވަރަށް ކައިރިވެއްޖެ އެވެ. މިއުފަލުގަ މުޅިގައުމު ބައިވެރިވަަނޫއެވެ. ކެތްތެރިވާން އޮތީ ކުޑަ ހިނދުކޮޅެކެވެ.
އަލްމުދިޝް
19 August 2016
ޔައުނީ ގާނޫނުން އައިސްފަވާ ޚިޔާލު ފާޅުކުރުމުގެ ތެރޭގައި މީހެއްގެ އަބުރުގެއްލި ދާފަދަ އަމަލެއްވެސް ގަސްތުގައި މީހަކުކުރިޔަސް އެމީހެއްގެ މިނިވަންކަން އެގާނޫނުން ލިބުނުފަދައިން އަނެކުންގެ އަބުރުވެސް އެގާނޫނުން ނިގުޅައި ގަންނަނީ ގައުމީ ބަތަލުން ކަމެވެ.
ގެންޓު
19 August 2016
ކުރިންވެސް މަގޭ މިވާހަކަ ބުނީމެވެ. އަދިވެސް ތަކުރާރު ކޮށްލާނަމެވެ. އަބުރުގެއްލުނުކަން ނުވަތަނޫންކަން ކަނޑަޅާ އެވަރުގެ ބޮޑުޖޫރިމަނާއެއް ކުރަންޖެހޭނީ ރަގަޅު ޝަރީޢަތެއްހިންގާ ޝަރުޢީކޯޓަކުންނޫނެވެ. މީޑިއާކައުންސިލުންނޫނީ ބްރޯޑްކޮމްއަކުންނޫނެވެ. އަނެއްކަމަކީ އެތައްބަޔަކަށް ފެނިގެން ނުވަތަ އެނގިގެން މީހަކު ނުވަތަ ބަޔަކު ޚިޔާނާތްވެ ނުވަތަ ވައްކަންކޮށް ނުވަތަ ފޭރުނީމަ އެކަން ކުރިމީހާކައިރި އަހަންގުޅީމަ އޭނަފޯނުނަގާނެތޯއެވެ. ފޯނުނެގިނަމަވެސް އޭނަ އެއީތެދެކޭބުނާނެތޯއެވެ. ދެން އެމީހަކު އެކުރިކުށް އެތައްބަޔަކަށް އެގޭއިރުވެސް ރައްޔިތުންނަށް އެކަންނާންގާތިއްބާ އަނެެއްކާ އެހެންމީހަކު އެގޮތަށް ފޭރިގަންނާނީއެވެ. އެހެންކަމުން އޭނަ އެފަދަކަމެއްކުރިކަން ޔަޤާންވާވަރަށް ނޫސްތަކަށް ހެކިލިބުނީމަ އޭނައަށް ގުޅީަ ފޯނު ނުނެގީމަވެސް މިސާލަކަށް ނޫހުގަ އެވާހަކަ ލިއުނީއެވެ. ހަމަލިޔާއިރަށް އެވާހަކަ ރައްދުވާމީހާ އެމައްސަލަ މީޑީއާގެ ބެލެނިވެރި މުއައްސަސާގައި ޖެއްސީމަ އެނޫހެން 2 މިލިއަނުން ޖޫރިމަނާކޮށްނިންމާލަންވީއެވެ. ދެން ހަމައެދުވަހު އަބުރުގެއްލުނުކަމަށްބުނާމީހާގެ ފަރާތުން އަނިޔާލިބުނުމީހާ ފުލުހުންނަށް އެމައްސަލަ ރިޕޯޓުކޮށްގެން އެމީހާގެންގޮސްތަހުގީގުކޮށް ޕްރޮސެކިއުޓޮކޮށް އެންމެ ފަހު ޙުކުމްކުރާއިރު ނޫހުގަ ހަމަ ޖެހިގޮތަށް އޭނަގެ މައްޗަށް އެކަން ސާބިތުގެ ހުކުމްކުރީއެވެ. މިހެންވީމަވެސް އޭނައަށް ގުޅައިގެން އޭނަފޯނުނުނެގީމަ އޭނަގެ ބަހެއްނުލިބުނީމަ އެވާހަކަ ޖެހިކަމަށްޓަކައި އބުރާބެހުނުކަމަށްނިންމާ އަސްލުމައްސަލައަށް ވާގޮތްނުބަލާ ނޫސްވެރިޔާއާ ނޫން ޖޫރިމަނާކޮށްލަަންވީއެވެ. މިއީ ހަމަ އިނސާފުހެއްޔެވެ. އަބުރުގެއްލުނުތޯ ނުވަތަ ނޫންތޯ އިގޭނީ އެމީހާއަށް އެތުހުމަތުކުރާ ކަންތައްވެސް ތަހްގީގުކޮށް ބެލިގެންނޫންހެއްޔެވެ. އޭނަފޯނުނުގުމުން އެހިސާބުން އެވީ އަބުރާބެހުންކަމަށްވަންޏާ މިތާ އިންސާނުން އުޅޭނެކަމެއްނެތެވެ. ބުއްދިދެއްވާފައިނުވާ އަދި ވާހަކަދެއްކުމުގެ ނިޢުމަތްދެއްވާފައިނުވާ މަޚްލޫޤުންނަށް މިތަން ދީފަ އަހަރުމެން އިންސާނުން މިތަންދޫކޮށް ފައިބަންވީއެވެ
އަބުރުބޮޑޭ
19 August 2016
ތިޔަބުނާގޮތަށް މީހެއްގެ އަބުރު ގެއްލުނީމަ އޭގެ ބަދަލުގަ 2 މިލިއަން އަތުލާފަ ދައުލަތުގެ ތިޖޫރީއަށް ލީމަ ތިޔަބުނާ އަބުރުގެއްލުނުމީހާގެ އަބުރު އަނބުރާއެލިބުނީތޯއެވެ. ނުވަތަ އޭގެ ބަދަލު އޭނައަށް އެލިބުނީތޯއެވެ.
މަލިކުބޭބެ
19 August 2016
ރައީސް މައްމޫނާއި، ރައީސް ނަޝީދާ ދެބޭފުޅުންގެ ހިއްވަރުފުޅަށާއި، މަސައްކަތްޕުޅަށް ސާބަސް ދަންނަވަން، ތިޔަދެބޭފުޅުންނާ އެކީ ދިވެހި ރައްޔިތުން މިތިބީ،
އުދުހޭ
19 August 2016
ބިލްތަށް އިސްލާހެއްނޫން ކުރީ. އިސްލާހުކުރުމުގެ ނަމުގައި ބަދަލުކޮށް ގޯސްކުރީ. އިސްލާހުކުރުމަކީ ކުރެވިފައިވާ ނުރަގަޅު ކަމެއް ރަގަޅުކުރުން. ރަގަޅުކަމެއް ނުރަގަޅުކަމަކަށް ހެދީމާ އެކުރެވުނީ ގޯސް. އިސްލާހަށް މަސައްކަތްކުރާ ހަގީގީ ރައްޔިތުންގެ މެންބަރުންނަށާ ޒައީމަށް ވަރަށް އިހްލާސްތެރި ޝުކުރެއް ކޮމެންޓަކުން ރައްދުކުރަން! ނަސްރު ލިބޭނީ ހައްގަށް. އިންޝާﷲ