އަދީބު އެމްޓީޑީގެ ރައީސަކަށް އައްޔަންކޮށްފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ އައްޔަންކޮށްފި އެވެ.


އެމްޓީޑީ އިން އެގޮތަށް ނިންމީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ޕާޓީން ބުންޏެވެ.

އަދީބަކީ އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި މެމްބަރެވެ.

އަދީބު ޕާޓީގެ ރައީސް ކަމަށް އައްޔަން ކުރަން ނިންމިއިރު، އަދީބު މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ. އޭނާގެ މައްޗަށް ތިން ކުށެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، އޭނާ ގޭ ބަންދުގައި ހުންނެވީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ.

އެމްޓީޑީގެ އިސް ނައިބު ލީޑަރަކަށް ވިޔަފާވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އަދި ނައިބު ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވެސް ވަނީ އައްޔަންކޮށްފަ އެވެ.