ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ: ރިޒްވީ

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގު ހެޔޮކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އިއްޔެ އިއުލާން ކުރި އަގުތަކަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ހުރި ވަރުގެ އަގުތަކެއް ކަމަށާއި، ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރިޒްވީ ވިދާޅުވީ ކުރިން މައިގަނޑު ފަސް ރޭންޖެއްގައި އަގުތައް ހުރި އިރު އެންމެ ދަށް ރޭންޖްގައި ވިއްކަނީ ވަރަށް މަދު ސީޓްތަކެއް ކަމަށެވެ. ނަމަވެސް އާ އަގުތައް މައިގަނޑު ތިން ރޭންޖެއްޖަށް ބަހާލާފައި ވާއިރު އޭގެ ތެރެެއިން އެންމެ ދަށް ރޭންޖްގައި ވެސް މަހަކު ގާތްގަނޑަކަށް 15،000 ސީޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާނަ އަކީ، ކުރިން އަގު ހެޔޮ ފެއާގެ ޓިކެޓް ލިބުމުގެ ފުރުސަތު ކުޑަ ނަމަވެސް މިހާރު ގިނަ ބަޔަކަށް އަގު ހެޔޮ ފެއާ އިން ޓިކެޓް ލިބުމެވެ. އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އަގު ހެޔޮކޮށް ވިއްކާ ސީޓް އަދަދު މަހަކު ތިން ގުނަ އަށް މިހާރު އިތުރުވާނެ އެވެ.

މިހާރު ހުރި އަގުތަކާ އާ އަގުތައް އަޅާކިއުއްވަމުން ރިޒްވީ ވިދާޅުވީ އައްޑުއަށް ދެކޮޅު ޓިކެޓް ނަގާ މީހަކަށް 800 ވަރަކަށް ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ ތިން ރޭންޖުގެ ތެރެއިން އެންމެ މަތީ ރޭންޖްގައި އައްޑުއަށް ދެކޮޅު ޓިކެޓް ވިއްކާނީ 2،665ރ. އަށެވެ. ރިޒްވީ ވިދާޅުވީ އެއަށް ވުރެ އިތުރަށް ކުޑަވާ ދެ ރޭންޖެއް އޮތް އިރު އެ ދެ ރޭންޖުގައި ގިނަ ސީޓްތަކެއް ދެން ލިބޭނެ ކަމަށެވެ.

"އެހެންވީމާ 2،665ރ. ވުރެ އަދި އިތުރަށް ކުޑަވާ ދެ ބޭންޑެއް އެބަ އުޅޭ. އެހެންވީމާ ހަމަ އެއަށް ވުރެ އިތުރަށް ކުޑަކޮށް ވެސް ލިބޭނެ. މިސާލަކަށް އައްޑުއަށް ބަލަންޏާ ކޮޅަކަށް 1،000 އަށް ވުރެ ވެސް ކުޑަކޮށް ލިބޭނެ. އެ ބޭންޑްގައި އަޅުގަނޑުމެން މި ބަލަނީ މަހަކު ފަނަރަ ވަރަކަށް ހާސް ސީޓް. ލޯ ބޭންޑްގަައި ގިނައިން ވިއްކާނީ، 15،000 ސީޓަކީ ދުވާލަކަަށް ބަލައިލަންޏާ 500 ވަރަކަށް ސީޓް މުޅި ނެޓްވޯކް ތެރޭން،" ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ބޯޓެއް ރަންވޭ މަތިން ދަތުރުކޮށްފައި ދަނީ. -- މިހާރު ފައިލް ފޮޓޯ

އޭނާ ވިދާޅުވީ ކުރިން ފަސް ރޭންޖެއްގައި ހުރި ނަމަވެސް އޭގެ ތެރެއިން އެންމެ ދަށް ރޭންޖްގައި ދޫކުރަމުން އައީ ދުވާލަކު އެންމެ ސީޓެއް ކަމަށެވެ.

"އެ އަރާނީ ގާތްގަނޑަކަށް 5،000، ނޫނީ 6،000 ޖާގައަށް. މިހާރު އެ އަދަދު ތިން ގުނަ ވެގެން މިދިޔައީ. އެހެންވީމާ ލިބުމުގެ ފުރުސަތު ބޮޑުވެގެން މިދަނީ އެންމެންނަށް ވެސް،" އޭނާ ވިދާޅުވި އެވެ.

އަގު ހެޔޮ ވިޔަސް ހިދުމަތުގެ ފެންވަރު ދަށެއް ނުވާނެ

މޯލްޑިިވިއަން އިން އެތެރޭގެ ދަތުރުތައް ކުރާ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ކުއްލިކުއްލިއަށް ޝެޑިއުލް ބަދަލުވެ، ދަތުރުތައް ލަސްވެ، އަވަސްވުން ފަދަ ކަންކަމާއި ޓްރާންސިޓް ކުރާ އުސޫލު އުނދަގޫވުމުގެ ޝަކުވާ އެވެ. އަގު ހެޔޮވުމުން އެ ކަންކަން އިތުރަށް ގޯސްވެދާނެ ކަަމަށް ބައެއް މީހުން ދެކެ އެވެ.

މިކަމަށް ޖަވާބު ދެއްވަމުން ރިޒްވީ ވިދާޅުވީ އަގު ހެޔޮ ކުރުމަކުން ކަންކަން ގޯސް ނުވާނެ ކަމަށެވެ. އެފަދަ ކަންތައްތައް ދިމާވަނީ އެއާޕޯޓް ބިޒީވުމާއި ޓޫރިޒަމް އިންޑަސްޓްރީއަށް ކޭޓާ ކުރަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ކުރާ އެތެރޭގެ ދަތުރުތަކުގެ ވެސް ބޮޑު ބަޔަކީ ޓޫރިޒަމްގެ ވިޔަފާރިއާ ގުޅުން ހުރި ދަތުރުތަކެވެ.

ރިޒްވީ ވިދާޅުވީ ޓިކެޓް އަގު ހެޔޮކުރީ ކުންފުނީގެ އެތެެރެއިން ހަރަދު ކުޑަކުރެވެން ހުރި ދިމަދިމާއިން ހަރަދު ކުޑަކޮށްގެން ކަމަށާއި އެހެންވީމާ ގެއްލުމެއްވެ، ހިދުމަތުގެ ފެންވަރު ދަށް ނުވާ ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ބައެއް ހިދުމަތްތައް ކުރިއަށް ވުރެ ރަނގަޅުކުރަން އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރަން ރާވާފައިވާ އެއް ކަމަކީ ދަތުރުވެރިންނަށް ދޭ ކާ އެއްޗެހި ރަނގަޅުކުރުމެވެ.

މި މަހުގެ 10 އިން ފެށިގެން ޓިކެޓް ލިބޭނެ އަގުތައް. -- ގްރެފިކްސް: އަހްމަދު ސައްފާހް/މިހާރު

"އަޅުގަނޑުމެން އެބަ ވިސްނަން މިހާރު އަޅުގަނޑުމެން އިތުރު ޑިޕާޓްމަންޓެއް ވެސް އުފައްދައިފިން އިންފްލައިޓް ސާވިސްގެ. ދެން އަޅުގަނޑުމެން މި ވިސްނަނީ ކުރިއަށް އޮތް ތާ ކޭޓަރިން ކުރެވޭނެ ގޮތަކާ މެދު. ދެން އަޅުގަނޑުމެން ލުއި ކާނާއެއް ދެވޭތޯ،" އޭނާ ވިދާޅުވި އެެވެ.

ވިޔަފާރި ކުންފުންޏެއްގެ އިތުރުން އާއްމު ހިދުމަތެއްގެ ގޮތުގައި އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން އަގަށް މިގެނައި ބަދަލާ އެކު އެކުންފުންޏަށް ގެއްލުން ނުވިޔަސް، އާމްދަނީން ބޮޑު އެއްޗެއް ގެއްލޭނެ ކަމަށާއި އެހެންވެ އެކަން ފޫބައްދައި ކުންފުނި ކުރިއެރުމަށްޓަކައި ސަރުކާރުން އެހީވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"ދެން ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން އަޅުގަނޑު ގަބޫލުކުރަން ސަރުކާރުން ވެސް އިތުރު ކަންތައްތައް ކޮށްދޭނެ ކަމަށް. މިސާލަކަށް އަޅުގަނޑުމެންގެ ވަރަށް ރަނގަޅު ވިޔަފާރި މޮޑެލް އެއް މި ސީޕްލޭނަކީ،" އޭނާ ވިދާޅުވި އެވެ.