މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއި ކާނާއެއް ދޭން ފަށަނީ

ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ ދަތުރުތަކުގައި ދަތުރުވެރިންނަށް ކޮންމެވެސް ކަހަލަ ލުއި ކާނާއެއް ދޭން މަސަައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.


މޯލްޑިވިއަން އޮޕަރޭޓްކުރާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒިޒްވީ "މިހާރު" އަށް ވިދާޅުވީ ދަތުރުމަތީގައި ދޭ އެފަދަ ހިދުމަތްތަކަށް ހާއްސަ ޑިޕާޓްމަންޓެއް ވެސް މިހާރު އުފައްދާފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ދަތުރުމަތީގައި "ސްނެކް" އެއް ނުވަތަ ލުއި ކާނާއެއް ދޭން، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭ ވަރު ވާނެ އެވެ.

"އަޅުގަނޑުމެން މިހާރު މި ދެނީ ހަމަ އެކަނި ޖޫސް ނޫނީ ފެން. އެކަމަކު އަޅުގަނޑުމެން ކޮންމެވެސް ކަހަލަ ސްނެކެއް ދެވޭތޯ މި އުޅެނީ މިހާރު،" އޭނާ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ ބޯޓުގައި ކާ އެއްޗެއް ވިސްނާއިރު ދަތުރުތައް ކުރުވުމަކީ، އެކަން ކުރަން ދަތިވާ ސަބަބެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގިނައިން ކުރަނީ 30- 40 މިނެޓާ ދެމެދުގެ ދަތުރުތަކެވެ.

"އެކަހަލަ އުނދަގޫތަކެއް ވެސް އެބަހުރި. އެކަން ކުރާނެ ކޮންމެވެސް ގޮތެއް އަޅުގަނޑުމެން މި ބަލަނީ. ކުރިއަށް އޮތް ހަތަރު މަހެއްގެ ތެރޭގައި އަޅުގަނޑަށް ހީވަނީ ފެށޭ ވަރު ވާނެހެން،" ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިިވިއަން ގެ އެތެރޭގެ އުދުހުން ތަކުގެ އަގު މި މަހުގެ 10 ވަނަ ދުވަހުން ހެޔޮކުރަން ނިންމައި އަގުތައް އިއްޔެ ވަނީ ނިންމައިފަ އެވެ. އެގޮތުން 25-30 ޕަސެންޓަށް އަގުތައް ވަނީ ދަށްކޮށްފަ އެވެ.

ރިޒްވީ ވިދާޅުވީ ޓިކެޓް އަގު ހެޔޮކުރީ ކުންފުނީގެ ބައެއް ހަރަދުތައް ކުޑަކޮށްގެން ކަމަށާއި އެހެންވެ ޓިކެޓްގެ އަގު ދަށްކުރުމަކުން، ހިދުމަތުގެ ފެންވަރު ދަށް ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ބައެއް ހިދުމަތްތައް ކުރިއަށް ވުރެ ރަނގަޅުކުރަން އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.