އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭ ބަންދަށް ބަދަލުކޮށްފި

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.


ސެޕްޓެމްބަރު، 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުން އެނބުރި ވަޑައިގެން ރިޔާސީ ލޯންޗްގައި މާލެ ވަޑައިގަންނަވަނިކޮށް އޭގެ ތެރޭގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ އޭރުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރުގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ރިޔާޒާއި އާމިރު ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ މިއަދުގެ ވަގުތެއްގަ އެވެ. އެކަމަކު އެ ދެ މީހުން ގެއަށް ބަދަލުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ރިކާޒާއި އާމިރު ގޭ ބަންދަށް ބަދަލު ކުރިއިރު، އަދީބު މީގެެ ދުވަސްކޮޅެއް ކުރިން ގެއަށް ބަދަލު ކުރުމަށް ފަހު ދާދިފަހުން އަނެއްކާވެސް ވަނީ އޭނާ ޖަލަށް ބަދަލުކޮށްފަ އެވެ. އެކަމަކު ޖަލަށް ބަދަލުކުރި ފަހުން އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.