ޓޫރިސްޓު ދެމަފިރިއަކު ގެނބިގެން މަރުވެއްޖެ

ކ. ދިއްފުށީގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ފިލިޕިންސްގެ ދެމަފިރިޔަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.


ފުލުހުން ބުނީ މަރުވީ ފިލިޕިންސް ދެ މީހުން ކަމަށާއި އެއީ 30 އަހަރުގެ އަންހެނަކާއި 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހުން ގެނބުނީ ކ. ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓާ ދޭތެރޭ މޫދަށް އެރި އުޅެނިކޮށެވެ.

ޓޫރިސްޓު ދެމަފިރިން ގެނބިގެން މަރުވި ސަަރަހައްދު

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވީ ދިއްފުށީ ގެސްޓްހައުސަކަށް ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ދެ މީހުން ކަމަށެވެ. އެ ދެ މީހުން ގެނބިގެން ދިއްފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ. ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.