ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް މަޖިލީހަށް ވާދަ ނުކުރޭ އިސްލާހު ނަގަން އަންގައިފި

ރާއްޖޭގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހް ނެގުމަށް ޖުމްހޫރީ ޕާޓީން އޭނާއަށް މިއަދު އަންގައިފި އެވެ.


ޖޭޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރިޔާޒު "މިހާރު" އަށް ވިދާޅުވީ އެ އިސްލާހް ލަތީފް ހުށަހެޅުއްވީ އެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން، ކޯލިޝަން ލީޑަރެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭތީ އެ ބިލް އަނބުރާ ނެގުމަށް ލަތީފަށް އަންގަވާފައިވާނެ ކަމަށެވެ.

އަބްދުﷲ ރިޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ، އޭނާ ވިދާޅުވީ ލަތީފް ހުށަހެޅުއްވި އިސްލާހް ނެގުމަށް އަންގާފައިވާ ކަމަށް-- ފޮޓޯ: މިހާރު

ނަޝީދު ގެންދަވަނީ މިއަހަރު ބާއްވާ މަޖިިލިސް އިންތިހާބުގައި މައްޗަންގޯޅީ މެދު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައި ކެމްޕެއިން ކުރައްވަމުންނެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މަޖިލީހަށް ވާދަކުރައްވަން ޝައުގުވެރިކަން ހުރިކަން ހާމަކުރައްވައިފަ އެވެ.

"މިއީ ޖޮއިންޓް ޕާލަމެންޓްރީ ގޫރޫޕުގައި އަދި ޖޭޕީގެ ޕާލަމެންޓް ގުރޫޕުގައިވެސް މަޝްވަރާ ކުރެވިގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

މަޝްވަރާ ކުރުމެއްނެތި ލަތީފް އިސްލާހެއް ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިވޭތޯ ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނުނިންމާ ކަމަށެވެ.

ލަތީފް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަށް ވަނަ މާއްދާގެ ނ. އަށް ނަމްބަރެއް އިތުރު ކުރާށެވެ. އިންތިހާބުގައި ވާދަ ނުކުރެވޭނެ ފަރާތްތައް ބަޔާންކުރާ އެ މާއްދާގެ ފަސް ވަނަ ނަމްބަރަކަށް ލަތީފް ހުށަހެޅުއްވީ "ރައީސްކަން ކޮށްފައިވާ ފަރާތަކަށް ވުން" މި ޝަރުތެވެ.

ލަތީފް ވިދާޅުވިގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ރައީސް ކަން ކުރެއްވި ބޭފުޅުންނަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ޚާއްސަ އިއްޒަތަކާއި ޝަރަފެއް ލިބިދީފައިވާ ބޭފުޅުންނަށް ވާތީ އެ އަށް ވުރެ ދަށް މަގާމަކަށް ވަޑައިގެންނެވުމުން އެ ޝަރަފަށް އުނިކަން އަންނާނެތީ ކަމަށެވެ.

ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވިގޮތުގައި ލަތީފް ހުށަހެޅުއްވި އިސްލާހް މަޖިލީހަށް ބަލައިގަނެވިގެން ނުވާނެ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ގާނޫނު އަސާސީގައި މަގާމުތަކަށް ފުރިހަމަވާންޖެހޭ ކަމަށް ބަޔާން ކުރާ ޝަރުތުތަަށް ގާނޫނުގެ ޒަރިއްޔާއިން އުނި އިތުރެއް ނުގެނެވޭނެތީ އެވެ.

ހިސާން ކުރެއްވި ޓްވީޓް--

އޭނާ މީގެ ކުރިން ވަނީ ރައީސްކަން ކުރެއްވި ފަރާތްތަކަށް ދެމުންއަންނަ އިނާއަތްތައް ކުޑަކުރަން ވެސް މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.