ޖަރުމަނުގައި ހުންނަވާ ސަފީރުގެ ނައިބަކަށް ޖިނާހު ހަމަޖައްސައިފި

ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ނައިބަކަށް، ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު ހަމަޖައްސައިފި އެވެ.


ޖިނާހަށް ތުހުމަތުތަކެއްކޮށް، ފުލުހުންގެ ވަޒީފާ އިން ވަކިކުރީ 2013 ގަ އެވެ. އެެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަން ކަނޑައަޅައިދޭން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ އޭނާއާ އެއްކޮޅަށެވެ. ވަޒީފާ އިން ވަކިކުރުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހުރި ކަމަށް ދައުލަތުން އެއްބަސްވުމުން، ސިވިލް ކޯޓުން ހުކުމް ކުރީ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 2.8 މިލިޔަން ރުފިޔާ ދިނުމަށާއި ވަކި ކުރި އިރު ހުންނެވި ފެންވަރުގެ ވަޒީފާއެއް ދިނުމަށެވެ.

އެ ހުކުމާ އެއްގޮތަށް ސަރުކާރުން އޭނާ އަށް ފުލުހުންގެ ވަޒީފާ ދިނެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާފަ އެވެ.

ކުރީ ސަރުކާރުން 2013 ވަނަ އަހަރު ޖިނާހު ވަޒީފާއިން ވަކި ކުރި އިރު އޭނާ ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކް ގަ އެވެ.

ޖިނާހުގެ އިތުރުން ވެސް ވަކިކުރި ބައެއް ބޭފުޅުންނަށް ވަނީ ފުލުހުންގެ ވަޒީފާ އިޔާދަކޮށްދީފަ އެވެ. އޭގެ ތެރޭގައި މިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ހިމެނިވަޑައިގަންނަވަ އެވެ.