ބ. ތުޅާދޫ ވިލުގައި މިއަދު މަސް ބާނަން އުޅުނު ބަޔަކު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.
ޑިންގީއެއްގައި މަސް ބާނަން އުޅުނު މީހުންނަށް، ބޮޑު ހަތަރު ޕެކެޓުގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ އެ ޕެކެޓްތަކުގައި ހުރީ ވީޑް ކަމަށް ބެލެވޭ ކަމަށެވެ.
މި އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުން އަންނަނީ އެ ރަށު ވިލުތެރެ އިތުރަށް ބަލަމުންނެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ވިލު ތެރެއިން ފެނުނު މަސްތުވާތަކެތި ހުރީ ރަބަރުން ބަންދުކޮށް ބޭރުގައި ޓޭޕު އަަޅައި، ފެންނަ ނުވަންނަ ގޮތް ހަދައިފަ އެވެ.
ރާއްޖެއަށް ކަނޑު މަގުންނާއި ވައިގެ މަގުން ވެސް ވަރަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރެ އެވެ. އެގޮތުން ޖޫން، 3، 2018 ގައި، ހއ. އިންނަފިނޮޅު ފަރަށް އުރުނު ބޯޓަކުން 115 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ. އެ ބޯޓު ފަރަށް އެރުމުން ބޯޓުގެ ފަޅުވެރިން ވަނީ މަސްތުވާތަކެތި މުދަށް އުކާލައި ބޯޓުގައި ރޯކޮށްލައިފަ އެވެ. އެ ބޯޓުން އުކާލި މަސްތުވާތަކެތި ބައެއް ރަށްރަށް ވެސް ލެއްގި އެވެ.