ޕީއެންސީގެ ފޯމުތައް ސައްހަ ނުވެގެން އާ ފޯމު ހުށަހަޅައިފި

ޕީޕަލްސް ނެޝަނަލްސް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި 4،000 ފޯމުގެ ތެރޭގައި ސައްހަ 3،000 ފޯމު ނުހިމެނޭތީ އެ ޕާޓީން އާ ފޯމުތަކެއް ހުށަހަޅައިފި އެވެ.


އެނގިފައިވާ ގޮތުގައި، ޕީއެންސީން ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހައީ 1،900 ފޯމެވެ. އެކަން ޕީއެންސީ އަށް އެންގުމުން، އެ ޕާޓީން ވަނީ 1،100 ފޯމު އަލުން ހުށަހަޅައިފަ އެވެ.

ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލަސްވަނީ ސައްހަ 3،000 މެމްބަރުންގެ ފޯމު ނެތިގެންނެވެ.

ޕީއެންސީން ހުށަހެޅި ފޯމުތަކުގެ ތަފްސީލު ނުދެއްވައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެ ޕާޓީން ހުށަހެޅި ފޯމުތައް ސައްހަތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ނިމުމާއެކު ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ލަސްތަކެއް ނުވެ ޕީއެންސީ އުފެއްދުމުގެ ހުއްދަ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އީސީން އެ ޔަގީން ކަން ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޔަކު ހުށަހެޅި ޝަކުވާތަކާ ފޯމުތައް އީސީން ޗެކްކުރަމުން އަންނަނީ. އެކަން ނިމުނުހާ އަވަހަކަށް ހުއްދަ ލިބޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީން އީސީ އަށް ފޯމު ހުށަހަޅަނީ. --ފޮޓޯ/މިހާރު

ޕީއެންސީގެ ނަމުގައި ކުރީގެ ރައީސް ޔާމީން އާ ޕާޓީއެއް އުފައްދަވަނީ، އެމަނިކުފާނު ރައީސް ކަމުގައި ހުންނެވި ޕީޕީއެމްގައި އުފެދިފައިވާ ގާނޫނީ މައްސަލަތަކާ ހެދި، އެ ޕާޓީ މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ދަތިތަކެއް ކުރިމަތިވުމުންނެވެ. ޕާޓީ ހިންގުން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ޕީޕީއެމްގެ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދެވެން ނެތީ އެ ޕާޓީގެ ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން ހުށަހެޅި މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމި ޕީޕީއެމް ހަވާލުކޮށްފާނެތީ އެވެ.

ކޯޓުގައި މި މައްސަލަ ހިނގަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޓިކެޓް ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނަށް ވަނީ ދީފަ އެވެ. އެކަމަކު އެ ބޭފުޅުން ވާދަކުރައްވާނީ ޕީޕީއެމުންތޯ ނުވަތަ ޕީއެންސީންތޯ ކަނޑައަޅާނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމުމުންނެވެ.