އައްޑޫގެ ދާއިރާތައް އިތުރުކުރަން ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ: އީސީ

އަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް މައްސަލަ ހުށަހެޅީ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށާއި އެހެންވެ އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.


އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ، ފައިވްރޯސް މުމްތާޒް އަލީގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށްދިނުމަށެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށައި، ހައި ކޯޓުން މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު އޮންނަ ގޮތުން، އިންތިޚާބީ ދާއިރާތައް ކަނޑައަޅާ ގޮތާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓަށް އެކަން ހުށަހެޅެނީ އިލެކްޝަންސް ކޮމިޝަނަށް ލިޔުމުން ޝަކުވާ ހުށަހެޅުމަށް ފަހު އެ ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ކަމަށް މަހްފޫޒް ވިދާޅުވި އެވެ. އެކަމަކު އައްޑޫގެ ދާއިރާތައް ކަނޑައެޅި ގޮތާ ބެހޭގޮތުން ކޮމިޝަނަށް ލިޔުމުން އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

ބައެއް ބާވަތުގެ މައްސަލަތަކަކީ ގާނޫނުގައި ބުނާ އިޖްރާއާތު ފުރިހަމަ ނުކޮށް ކޯޓަށް ނުދެވޭނެ މައްސަލަތަކެއް ކަން ފާހަގަ ކުރައްވައި، މަހްފޫޒް ވިދާޅުވީ އެގޮތަށް ހައި ކޯޓުން ކުރިން ނިންމާފައި އެބައޮތް ކަމަށެވެ. އެގޮތުން ކަސްޓަމްސްއިން ކުރާ ޖޫރިމަނާތަކާ ގުޅޭ މައްސަލަތަކާއި ޓެކްސް މައްސަލަތައް ފަދަ ބައެއް މައްސަލަތައް މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތާ ޚިލާފަށް އެއްވެސް ފަރާތަކަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މައްސަލަ ހުށަހެޅުއްވި ދެ ބޭފުޅުންގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ މަރަދޫފޭދޫ އާއި މީދޫ ދާއިރާ އެއްކޮށްލަން ނިންމި މައްސަލާގައި އައްޑޫ ސިޓީ ކައުންސިލުން ކޮމިޝަނަށް ޝަކުވާ ހުށަހެޅި ކަމަށާއި އެކަން އެ ކައުންސިލްގެ ނޫސް ބަޔާނަކުން ވެސް އެނގޭނެ ކަމަށެވެ. އަދި ކޮމިޝަންގެ ބައެއް ބޭފުޅުން އައްޑު އަށް ކުރެއްވި ދަތުރެއްގައި، އައްޑޫގެ ދާއިރާތައް އިތުރުކުރަން ބުނި ކަމަށާއި އެކަމަކު އެގޮތަށް އަމަލު ނުކޮށް، ދާއިރާތައް ކަނޑައެޅި ގޮތުގެ ރިޕޯޓް ކޮމިޝަނުން ދާއިމީކުރީ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

އެހެންވެ، ގާނޫނުގައި ބުނާ އިޖްރާއާތު ފުރިހަމަ ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ބުނާ ބުނުމާ މެދު ސުވާލު އުފެދޭ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ ނުކުތާއެއް ކޮމިޝަނުން ފާހަގަކުރީ ދައުވާއަށް ޖަވާބު ފޯމް ހުށަހެޅި ފަހުން ކަމަށާއި ޖަވާބު ފޯމް ކޮމިޝަނުން ކުރިން ހުށަހަޅާފައި އޮތް އޮތުމަކީ ވެސް އެ މައްސަލަ ބެލޭނެ ކަމަށް ކޮމިޝަނުން ގަބޫލުކުރާ ކަމަށް ބެލެވޭނެ ސަބަބެއް ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

އެ މައްސަލައަކީ އައްޑޫގެ އެތައް ހާސް ރައްޔިތުންގެ ހައްގުތަކާ ގުޅޭ މައްސަލައެއް ކަމަށާއި އެ މައްސަލަ ބޭރުކޮށްލައިފި ނަމަ، އެ ހުރިހާ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އަދި އިންތިޚާބު ގާތްވެފައި ވަނިކޮށް އެ މައްސަލަ ބޭރުކޮށްލައިފި ނަމަ، ކުރިއަށް އޮތް ފަސް އަހަރު ވަންދެން އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ވެސް ހާޒިރުވި އެވެ. ދާއިރާތައް ކަނޑައެޅި ގޮތާ މެދު ޝަކުވާ ހުށަހެޅިކަމުގެ ލިޔުންތަކާ ބެހޭގޮތުން އެ ކައުންސިލުން ބުނީ އެކަމާ ގުޅޭ ލިޔުންތައް ހުރި ނަމަ، ހުށަހަޅަން ބޭނުންވާ ކަމަށެވެ. އަދި އެ ލިޔުންތައް ހުރިތޯ ބެލުމަށް ފަހު ހުށަހަޅަން ތިން ދުވަހުގެ ފުރުސަތެއް ބޭނުންވާ ކަމަށް ވެސް ކައުންސިލްގެ ފަރާތުން ބުންޏެވެ.

މީގެ އިތުރުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާތީ އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ޝުނާނާ ވިދާޅުވީ އެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ވެސް އަދި އިންތިޚާބީ ޝަކުވާގެ މައްސަލައަކަށް ވެސް ފެތޭ މައްސަލައެއް ކަމަށެވެ. ގާނޫނު އަސާސީ އޮތްގޮތުން އިންތިޚާބުތަކާ ގުޅޭ އެފަދަ މައްސަލަތަކަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ހުށަހެޅީ ވެސް އިންތިޚާބަކާ ބެހޭގޮތުން ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ވަކީލް މަހްފޫޒް ވިދާޅުވީ އެ މައްސަލައަކީ ކޮންމެ ބާވަތެއްގެ މައްސަލައަށް ވިޔަސް، ގާނޫނުގައި ބުނާ އިޖްރާއާތު ފުރިހަމަ ނުކޮށް ހުށަހަޅާފައިވާތީ އެ މައްސަލަ މިހާރު ނުބެލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކީލް ޝުނާނާ ވިދާޅުވީ ކޮމިޝަނުން ނެގި އިޖްރާއީ ނުކުތާއާ މެދު ގޮތެއް ނިންމާއިރު، ކޮމިޝަނުން އެކަމުގައި އަމަލުކުރި ގޮތަށް ރިއާޔަތްކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ދާއިރާތައް އިތުރުކުރަން ބޭނުންވާ ކަމަށް ކޮމިޝަނުން ބުނެފައިވާ ބުނުމާއި ދާއިރާތައް ކަނޑައެޅި ގޮތާ މެދު ސިޓީ ކައުންސިލުން ޝަކުވާ ހުށަހެޅި ހުށަހެޅުމަށް ރިއާޔަތްކޮށް ދޭން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ވަކީލް މަހްފޫޒް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރުން ނިންމަވައިފި ނަމަ ޖަވާބުދާރީވާން ކޮމިޝަނުން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެ މައްސަލަ އަވަހަށް ނިންމަން ކޮމިޝަނުން ވެސް ބޭނުންވާ ކަމަށާއި އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދާނެ މުއްދަތުތަކެއް ކަނޑައަޅައި ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ އިޖްރާއީ ނުކުތާއާ ގުޅޭގޮތުން ލިޔުންތައް ހުށަހަޅަން އައްޑޫ ސިޓީ ކައުންސިލަށް ދޭ ފުރުސަތަށް ފަހު، އެ މައްސަލާގެ އިތުރު އަޑުއެހުމަށް އަންނަ ހަފުތާގައި ބާއްވާނެ ކަމަށެވެ.

ފަނޑިޔާރު ފައިސަލްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަލީ ސަމީރެވެ.

އެ މައްސަލަ ނިމެންދެން ހައި ކޯޓުގައި މަޖިލިސް އިންތިޚާބު ބޭއްވުމާ ބެހޭ ކަންކަން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް ވެސް އެ މައްސަލާގައި އޮތީ އެދިފަ އެވެ. އެކަމަކު އެ އަމުރާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.