ގޮޅިތެރެއަށް ވެއްޓުމުން އަދީބު އެމަޖެންސީގައި މާލެއަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުގައި ހުންނަވާ ގޮޅި ތެރެއަށް ވެއްޓި، ނޭފަތުން ލޭ އައުމުން އެމަޖެންސީގައި މިއަދު މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.


އަދީބު ނިސްބަތްވާ މޯލްޑިވިއަން ތާޑް ވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ޓުވިޓާގައި ލިޔުއްވާފައި ވަނީ އަދީބު ވެއްޓުނީ ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ.

ވެއްޓުމުގެ ސަބަބުން އަދީބުގެ ނޭފަތުން ލޭ އައިސް ނިއްކުރިއަށް އަނިޔާވެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަކު އަދީބަށް އެއްވެސް ފަރުވާއެއް ނުދީ ކަރެކްޝަންސްގެ މުވައްޒަފުން ތިބީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... ސިއްހީ ފަރުވާދޭ އެއްވެސް މަރުކަޒަކަށް ނުގެންގޮސް ބާއްވާފައި، ނޯ އޮޕްޝަންވެގެން، އައިޖީއެމްއެޗް އެމަޖެންސީއަށް ގެނެވުނީ،" ޔާމީން ވިދާޅުވި އެވެ.

އަދީބަށް ބާރުގަދަ ބޭސްތަކެއް ދެމުން އަންނާތީ ބޮލަށް އެނބުރުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް އެމްޓީޑީން ބުންޏެވެ.

ކިޑުނީގައި އުފެދިފައި ހުރި ހިލަ ނައްތާލުމަށް އަދީބު ވަނީ ނޮވެމްބަރު، 19 ގައި، ސާޖަރީއެއް ކޮށްފަ އެވެ. އަދީބު ޖަލަށް ގެންދިޔައީ މި މަހުގެ ދެ ވަނަ ދުވަހެވެ.

ހޮސްޕިޓަލުން ގެއަށް ބަދަލު ކުރުމުން އަދީބު އިސްވެ ހުންނަވައި އެމްޓީޑީ ވަނީ އުފައްދައިފަ އެވެ. އަދި އެ ޕާޓީގެ ރައީސް ކަމަށް އަދީބު ވަނީ ހަމަޖައްސައިފަ އެވެ.