ދުވާލަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އެމްޑީޕީން ކަނޑައެޅީ 200 ރުފިޔާ

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް އެންމެ ކުޑަކޮށް ލިބޭ އުޖޫރައިގެ ގޮތުގައި 200ރ. ކަނޑައަޅައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކަރުދާހެއް ތައްޔާރުކޮށްފި އެވެ.


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެމްޑީޕީން ތައްޔާރުކުރި ކަރުދާހުގައި ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމައި، އެންމެ ކުޑަކޮށް އުޖޫރަ ދެވޭނެ އުސޫލުތައް ވަރަށް ތަފްސީލްކޮށް ހިމަނައިފަ އެވެ.

އެމްޑީޕީން ބުނީ އެންމެ ކުޑަކޮށް އުޖޫރަ ލިބޭ އުސޫލު ކަނޑައަޅާނީ އެކި މަސައްކަތްތަކަށް އުޖޫރަ ކަނޑައަޅާ އުސޫލުން ކަމަށާއި އެގޮތަށް އުޖޫރަ ކަނޑައަޅާނީ މަހު އުޖޫރައިން ދުވަހަކަށް ޖެހޭ އަދަދުން ކަމަށެވެ.

އުޖޫރައިގެ ގޮތުގައި ލިބޭ އެންމެ ކުޑަ އަދަދު ދާއިމީ ވަޒީފާ އާއި ވަގުތީ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް ކަނޑައެޅޭނެ ކަމަށް އެމްޑީޕީން ތައްޔާރުކުރި ކަރުދާހުގައިވެ އެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އެމްޑީޕީން ކަނޑައެޅި އަދަދު:

- ދުވާލަކު 266ރ: ދަތުރުފަތުރުގެ ސިނާއަތުގައި އުޅޭ މީހުންނަށް

- ދުވާލަކު 266ރ: މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުންނަށް

- ދުވާލަކު 200ރ: ކޮންސްޓްރަކްޝަން ސިނާއަތުގައި އުޅޭ މީހުންނަށް

- ދުވާލަކު 333ރ: ރިސޯޓު ހިންގުމުގެ ވިޔަފާރީގައި އުޅޭ މީހުންނަށް

- ދުވާލަކު 200ރ: ޓޫރިޒަމްގެ އެހެނިހެން ކަންކަމުގައި އުޅޭ މީހުންނަށް

- ދުވާލަކު 266ރ: ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އުޅޭ މީހުންނަށް

- ދުވާލަކު 266ރ: ތައުލީމީ ހިދުމަތް ދޭ ތަންތަނުގައި އުޅޭ މީހުންނަށް

- ދުވާލަކު 200ރ: އެހެނިހެން ސިނާއަތްތަކާއި ހިދުމަތްތަކުގައި އުޅޭ މީހުންނަށް

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާނީ އެންމެންގެ މަޝްވަރާގެ މަތިންނެވެ.

އެމްޑީޕީން ވަނީ ކަރުދާހަށް އާންމުންގެ ހިޔާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.