ގައިދީން ފަސޭހައިން ޑޮކްޓަރަށް ދެއްކޭ ގޮތް ހަދައިފި

ގައިދީންނަށް ފަރުވާކުރުމުގެ ކަންތައްތައް މިހާރަށް ވުރެ ފަސޭހަކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އައިޖީއެމްއެޗް ގުޅިގެން އިންތިޒާމްތަކެއް ހަމަޖައްސައިފި އެވެ.


ހޯމް މިނިސްޓްރީން މިއަދު ބުނި ގޮތުގައި އަލަށް ހަމަޖެއްސި އިންތިޒާމްތަކުގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުން ޖަލަށް ޒިޔާރަތްކުރުމާއި އައިޖީއެމްއެޗްގައި ގައިދީންނަށް ހާއްސަކޮށްފައި ދެ ކޮޓަރި ބެހެއްޓުން ހިމެނެ އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމާއި ކަމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާ އެކު ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އާ އިންތިޒާމްތައް ހަމަޖެއްސީ ގިނަ މަޝްވަރާތަކެއް ކޮށް އެއްބަސްވުންތަކެއް ގާއިމްކޮށްގެން ކަމަށެވެ.

އާ އުސޫލު

- ޑޮކްޓަރަށް ދައްކަން ގެންނަ ގައިދީން އައިޖީއެމްއެޗްގައި އާއްމުންނާ ވަކިން އެޑްމިޓްކޮށްގެން ގެންގުޅެވެ ގޮތް ހަމަޖެއްސުން.

- ޖަލުތަކަށް ސްޕެޝަލިސްޓުން ޒިޔާރަތްކުރުން.

ގައިދީން އެޑްމިޓްކުރަން ދެ ކޮޓަރި ހާއްސަކޮށްފައި ބެހެއްޓުން.

ޑޮކްޓަރުންނަށް ދައްކަން ގައިދީންނަށް ވަކި އަދަދެއްގެ ނަމްބަރު ކޮންމެ ދުވަހަކުވެސް ހާއްސަކުރުން.

އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ވިދާޅުވީ ކަރެކްޝަނަލް ސާވިސްއާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް، ގައިދީންނަށް ދޭ ފަރުވާ ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށެވެ. ކަމިޝަނާ އޮފް ޕްރިޒަންސް މުނާޒް ވިދާޅުވީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުން ޖަލުތަކަށް ޒިޔާރަތްކުރާނީ ޖަލުގައި ގިނައިން ފެތުރޭ ބަލިތަކަށް ފަރުވާ ކުރަން ކަމަށެވެ. އެގޮތުން އެންމެ ގިނައިން ފެތުރެނީ ހަމުގެ ބަލިތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އަލަށް ހަމަޖެއްސި އިންތިޒާމްތަކަކީ ގައިދީންނަށް ފަރުވާ ކުރުމުގައި މިހާތަނަށް ނުކުރެވި މުހިއްމު ކަންތަކެއް ކަމަށާއި މިއީ ގައިދީންގެ އާއިލާތަކުން ޝަކުވާތަކެއް ހައްލުކުރުން ކަމަށެވެ. ގައިދީންނަށް ފަރުވާކުރުމުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައިދީންނާ މުއާމަލާތްކުރަނީ ހަމަ އިންސާނީވަންތަކަމާއި އިހްތިރާމާއި އަޅުގަނޑުމެންގެ ހަމްދަރުދީއާ އެކުގައި. ކުރިއަށް މިއޮތް މުއްދަތުގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަންތައް ކުރާނީ އެގޮތަށް،" އިމްރާން ވިދާޅުވި އެވެ.

ޖަލުގައި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ އާއިލާތަކުން އަބަދުވެސް ކުރެ އެވެ. ފަހަކަށް އައިސް އެ ޝަކުވާ އެންމެ ބޮޑަށް ކުރަމުން ދަނީ އެކި ކުށްތަކުގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރިގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާއިންނެވެ. އަދީބުގެ އާއިލާއިން ކުރަމުން އަންނަ ތުހުމަތުތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އިމްރާން ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ހުސް ތުހުމަތުތަކެއް ކަމަށެވެ.