13 އަހަރުގެ ދަރިވަރު އަމީނިއްޔާގެ އަލިމަސް ޔޫބީލް ލޯގޯ ޑިޒައިނަރަކަށް

ރޭ އަމީނިއްޔާ ސްކޫލުގެ ގޯތިތެރެ ފުރާލާފައި އޮތީ އެ ސްކޫލުން ތައުލީމު ހާސިލްކުރި އަންހެން ދަރިވަރުންގެ އެއްވުމަކުންނެވެ. ހަފުލާގެ ތެރެއިން އެ ސްކޫލްގެ ގްރޭޑް އަށެއްގެ ދަރިވަރަކު ވަނީ ފަހުރުވެރިވާން ޖެހޭ ފަދަ އިނާމެއް ހާސިލްކޮށްފަ އެވެ: އަމީނިއްޔާގެ އަލިމަސް ޔޫބީލް އަހަރުގެ ހާއްސަ ލޯގޯ ހެދުމުގެ ޝަރަފެވެ.


ދާދި ފަހަކާ ޖެހެންދެން ހަމައެކަނި އަންހެން ކުދިންނަށް ހާއްސަ ސްކޫލަށް 75 އަހަރު ފުރުން މި އަހަރު ފާހަގަކުރާ އިރު، އެކަން ފެށުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ހަފުލާގައި، އާންމުކުރި ހާއްސަ ލޯގޯ ތައްޔާރުކުރީ އެ ސްކޫލްގެ ގްރޭޑް 8 ގެ ދަރިވަރު، ނުފައިލް އަހުމަދު ނާޒިފް އެވެ.

އޭނާގެ ލޯގޯ އެއް ވަނައަށް ދިއުމުން އެކަމުގެ ހަނދާނެއްގެ ގޮތުން ތައްޓާއި ސެޓްފިކެޓް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު އަދި އަމީނިއްޔާގެ ކުރީގެ ދަރިވަރު އައިޝަތު އަލީ އެވެ.

ނުފައިލްގެ ލޯގޯ ހޮވީ އަމީނިއްޔާގެ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުން އަދި ބެލެނިވެރިން ހުށައެޅި 146 ލޯގޯގެ ތެރެއިންނެވެ.

އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލްގައި ބޭނުންކުރަން ހޮވި ލޯގޯ

ކޮމްޕިއުޓަރު ބޭނުންކޮށްގެން ކުރާ ތަފާތު އެކި މަސައްކަތްތަކަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ނުފައިލްގެ މަންމަ އަދި ހެދުން ޑިޒައިނަރު އައިޝަތު ޝިފްޒާ ބުނީ ލޯގޯ ހެދިއިރު ނުފައިލް އެންމެ ބޮޑު އިސްކަމެއް ދިނީ 75 އަހަރާއި ސްކޫލުގެ އަސްލު ލޯގޯ ގުޅުވުމަށް ކަމަށެވެ.

ނުފައިލްގެ ލޯގޯގައި ޑިޒައިންކޮށްފައިވާ މައިގަނޑު ބޮޑު ތަރި ތައްޔާރުކޮށްފައި ވަނީ އަމީނިއްޔާގެ ލޯގޯގައި އިންނަ ތަރިއާ އެއްގޮތަށެވެ. ލޯގޯގައި ޖަހާފައިވާ ހަތްދިހަ ފަހެއްގެ ތެރެއިން ފަހެއްގެ ވައް ބަޔަށް ލާފައި ވަނީ އަމީނިއްޔާގެ ރަސްމީ ލޯގޯ އެވެ.

"ކޮމްޕިއުޓަރުން ކުރާ ކަމެއް ވިއްޔާ އަމިއްލަ ޝައުގާ އެކު ދަސްކޮށްލާ. އެގޮތަށް ކޯޑިން ވެސް އަމިއްލައަށް ދަސްކޮށްގެން ކްލާސް ކުދިން ވެސް ގެއަށް ގެނެސްގެން ކިޔައިދޭނެ،" ޝިފްޒާ ބުންޏެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުން ފެށުމުގެ ގޮތުން ބޭއްވި ހަފުލާގައި އަލިމަސް ޔޫބީލްގެ ލޯގޯ މުބާރާތުން ގަދަ ފަސް ވަނަ އަށް ދިޔަ ފަރާތްތަކާ އެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާގެ ލޯގޯ އެއްވަނައަށް ގޮސް އެވަރުގެ ފަހުރުވެރި ކާމިޔާބީއެއް ލިބިދާނެ ކަމަށް ނުފައިލް އުއްމީދެއް ނުކުރެ އެވެ. ނަމަވެސް އޭނާގެ ބައްޕަ، އައިޓީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު ނަޒީފާއި ޑިޒައިން ކުރުމުގައި މަންމައަށް ލިބިފައިވާ ހުނަރުން ދަސްވި ކަންކަމާ އެކު ނުފައިލް ތައްޔާރުކުރި ލޯގޯ ސްކޫލްގެ ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި އެންމެ ރީތި ފަސް ލޯގޯ ވެސް ދައްކާލި އެވެ.