އަޒްހަރުން ޓީޗަރުން ނުލިބި އަރަބިއްޔާ އަށް ބޮޑު ދަތިކަމެއް

އަޒްހަރު ޔުނިވާސިޓީން، އަރަބިއްޔާ ސްކޫލަށް މިއަހަރު ފޮނުވަން ހަމަޖެއްސި ގިނަ ޓީޗަރުން އަދި ވެސް ނުލިބޭތީ ސްކޫލުގައި ކިޔަވައިދިނުމުގައި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.


އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މިއަދު ވިދާޅުވީ އަޒްހަރުން މިއަހަރު 22 ޓީޗަރުން ފޮނުވަން ހަމަޖައްސާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރަކު ކަމަށެވެ. ބާކީ ތިބި މީހުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، އަޒްހަރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒްހަރުގެ ޓީޗަރުން ނުލިބޭތީ އަރަބިއްޔާގައި މިހާރު ކިޔަވައިދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިންގެ އެހީގަ އެވެ. އެގޮތުން އެމްއެންޔޫގެ 18 ލެކްޗަރާއިން ކިޔަވައިދެމުން އަންނައިރު އައިޔޫއެމްގެ ވެސް ހަތަރު ވަރަކަށް ލެކްޗަރާއިން ކިޔަވައިދެ އެވެ.

"ކިޔަވައިދިނުމަށް ދަތިވޭ ޓީޗަރުން ނުލިބި ލަސްވެގެންދާތީ. މިދިޔަ މަހުގެ 17 ވަނަ ދުވަހު އަޒްހަރުން ބުނީ އަދި މަހެއް ނަގާނެއޭ ޓީޗަރުން ފޮނުވުމަށް. އެ މުއްދަތުގައި ޓީޗަރުން ނުލިބިއްޖެނަމަ ވަރަށް ދަތިތަކާ ކުރިމަތިވާނެ،" އާބާދީގައި 850 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުން ނުލިބި ލަސްވެގެން އުޅެނީ ޓީޗަރުންގެ ސެލެކްޝަން އަދި ވެސް ނުނިމޭތީކަމަށް އަޒްހަރުން އަންގާފައިވާ ކަމަށެވެ.

އެމްއެންޔޫގެ ޖެނުއަރީ އިންޓޭކުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ މި މަހުގެ 24 ވަނަ ދުވަހެވެ. އައިޔޫއެމްގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާނެ އެވެ. ޝުޖާއު ވިދާޅުވީ އެމްއެންޔޫގެ ކިޔެވުން ފެށެންވާއިރަށް ޓީޗަރުން ނައިސްފިނަމަ ވަރަށް ބޮޑު އުނދަގުލަކާ ކުރިމަތިވާނެ ކަމަށެވެ.

ރާއްޖޭގައި އަރަބި ތައުލީމު އުނގަންނައިދިނުމަށް މީގެ 32 އަހަރު ކުރިން އަރަބިއްޔާ ސްކޫލު އުފެއްދި ފަހުން، ކޮންމެ އަހަރަކު ވެސް އަޒްހަރުން ޓީޗަރުން ފޮނުވަ އެވެ. އެމީހުން ފޮނުވަނީ ދެ ތިން އަހަރަށެވެ. އެ މުއްދަތު ހަމަވުމުން އަޒްހަރުން އަނެއްކާ ވެސް އާ ޓީޗަރުން ހޮވަނީ އެވެ.

އެ ޓީޗަރުންނަށް މުސާރަ ދެނީ އަޒްހަރު ޔުނިވާސިޓީންނެވެ. ނަމަވެސް ޕޮކެޓް މަނީގެ ގޮތުގައި އަރަބިއްޔާ ސްކޫލުން 1200ރ. ދެ އެވެ.