އިންކަމް ޓެކްސް އަންނަ އަހަރު ނަގަން ފަށާނެ: ރައީސް

ބޮޑެތި އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް އަންނަ އަހަރު ނަގަން ފަށާނެ ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު، ރައްޔިތުންނަށް ދެއްވައިފި އެވެ.


މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވަން އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ވިދާޅުވީ ޓެކްސްގެ ނިޒާމް މިހާރަށް ވުރެން ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ. އެއް ބަދަލަކީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުން ކަމަށް ވިދާޅުވި އެވެ.

އެއީ، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި ވެސް ވެވަޑައިގަތް ވައުދެކެވެ.

ރައީސް ވިދާޅުވީ އިންކަމް ޓެކްސް ނަގާނެ ގޮތުގެ ބިލެއް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އެ ބިލް ފާސްކޮށް، އާމްދަނީން ޓެކްސް ނަގާނީ އަންނަ އަހަރު ކަމަށް ވިދާޅުވި އެވެ.

"އޭރުން، އަޅުގަނޑުމެން މިއެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަ ކަން ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

އެކަމަކު މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ އެންމެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޓެކްސް ނަގަން ސަރުކާރުގެ ވިސްނުން ހުރި ގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.

އާ ރަައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެޕްރީލް 6 ގައި އޮންނާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިާސާދީ ދުވެލި އެތައް ގުނައަކުން ހަލުވި ވެފައި މިވަނީ ޓެކްސްގެ ނިޒާމް ތައާރަފް ކުރުމުންނެވެ. މުޅި ގައުމުގެ އިގްތިސާދީ ނަފާ އިން ދައުލަތަށް ލިބޭ މިންވަރު މިހާރަށް ވުރެން އިތުރުކުރުމަކީ ޖަޒީރާވަންތަ އިގްތިސާދަކަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ޓެކްސް ފައިސާ ބޭނުންކުރަން ނިންމާފައިވާ ގޮތް:

- ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް

- ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ސަލާން ޖެހުން ހުއްޓުވަން

- ބޯފެނާއި ނަރުދަމާ ގާއިމުކުރަން

- ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ދައުލަތުގެ އެހީތެރިކަން ދިނުމަށް

ޓެކްސް ނިޒާމް ތައާރަފް ކުރި އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ވަނީ މުއްސަނދިންގެ އާމްދަނީން އިންކަމް ޓެކްސް ނަގަން މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އޭރު ވިސްނުން ގެންގުޅުނީ މަހަކު 30،000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާ ގޮތަށެވެ.

ނަމަވެސް މިހާތަނަށް އެ މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.