ކަނޑު ހުރަސްކޮށް ރާއްޖޭގެ އެންމެ ދިގު ފެތުން ފަތައިފި

ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި، "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019"ގެ ދިގު ފެތުމުގެ ބައިވެރިން، މިއަދު 6.75 ކިލޯމީޓަރަށް ފަތައި ރާއްޖޭގައި މިހާތަނަށް ކަނޑު ހުރަސްކޮށް އެއް ދުވަހާ އެންމެ ދިގުކޮށް ފެތުމުގެ ރެކޯޑް ހަދައިފި އެވެ.


އަމިއްލަފުށި ރިސޯޓުން މިއަދު ހެނދުނު 8:45 ގައި ފަތައިގެން 2.25 ކިލޯމީޓަރު ފެތުމަށް ފަހު ފަތާ ޓީމުން ފުރަތަމަ އެރީ ހިތްގައިމު ފިނޮޅަކަށެވެ. ގުދުރަތީ ރީތި އެ މަންޒިލުގައި ކުޑަ ވަގުތުކޮޅަކު ތިބުމަށް ފަހު އެ ފިނޮޅުން ފަތާފައި ގޮސް 1.75 ކިލޯ މީޓަރު ހުރަސްކޮށް ދެން އެރީ މިލައިދޫ އައިލެންޑް ރިސޯޓަށެވެ. އެ ރިސޯޓުން ފެށިގެން ގޮސް މިއަދުގެ މަންޒިލް ކަމަށްވާ ކަމަދޫ އަށް އެރުނީ 2.75 ކިލޯ މީޓަރު ފެތުމަށް ފަހު އެވެ. އޭރު ގަޑިން 1:30 ވަނީ އެވެ.

އަންނަ ހޮނިހިރު ދުވަހު މި ހަރަކާތް ނިންމުމަށް ކުޑަރިކިއްޔާއި ކެންދޫއާ ދޭތެރޭ ފަތާއިރު ވެސް މިއަދެކޭ އެއްގޮތަށް ދިގުކޮށް ފަތަން ޖެހެ އެވެ. އެއީ ގާތްގަނޑަކަށް 6.45 ކިލޯ މީޓަރެވެ.

ފެތުމުގެ ބައިވެރިން އިތުރު ފެތުންތެރިންތަކަކާ އެކު މޫދުގައި-- ފޮޓޯ: ސްވިމް މޯލްޑިވްސް

އެއް ދުވަހާ ކަނޑު ހުރަސްކޮށް މިހާތަނަށް ރާއްޖޭގައި އެންމެ ދުރަށް ފަތާފައިވަނީ ކުރުނބާ އައިލެންޑް ރިސޯޓުން މާލެ އަށެވެ. އެއީ ގާތްގަނޑަކަށް ފަސް ކިލޯ މީޓަރެވެ.

މިއީ ކަނޑު ހުރަސްކޮށް އެއް ރަށުން އަނެއް ރަށަށް ރާއްޖޭގައި ފެތި އެންމެ ދިގު ފެތުމެވެ. އެ ޝަރަފް ހޯދާފައި މިވަނީ ހުއްޓުމެ އްނެތި 24 ގަޑިއިރު ދުވެގެން ރިކޯޑް ހެދި އާތިފް އަހުމަދާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުން ފެތުންތެރިޔާ އަންވަރު ހުސައިން (އެފްޑީއައި އަންވަރު) އާއި ޒުވާން ފެތުންތެރިޔާ އައިމިނަތު އަޒްކާގެ އިތުރުން ސްވިޑެންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް، މީކޭލް ރޮސިއެން (މައިކް) އެވެ. އޭގެ އިތުރުން ވެސް ރާއްޖޭގެ ތިން ފެތުންތެރިން ކަމަށްވާ އެމްއެންޑީއެފްގެ ޑައިވަރު އަހުމަދު މުޖްތަބާ މުހައްމަދު، ގައުމީ ޓީމުގެ ފެތުންތެރިޔާ ހުސައިން މުބާހް އަދި ގައުމީ ކޯޗު ފަރުހާން އިސްމާއިލް ވެސް ވަނީ ފަތައިފަ އެވެ.

ދިގު ފެތުންފެތި އަށް ބައިވެރިން-- ފޮޓޯ: ސްވިމް މޯލްޑިވްސް

ކޯމަސް އައިނެއްހެއް އެކުގައި އެ އަށް މީހުން ކަނޑުގައި ފަތާފައި ދިޔައިރު މަގު ދެއްކުމަށް ކުރީގައި ކެނޯއެއްގައި ސިފައިންގެ މީހަކު އިނދެ އެވެ. އަދި ދުއްވާ އެއްޗެހިން ފަތާ މީހުން ރައްކާތެރި ކުރުމަށް ސިފައިންގެ ކޯސްޓްގާޑް އެ ސަރަހައްދު ޕެޓްރޯލް ކުރެ އެވެ.

ކުރީ ދުވަހެއްގެ ފެތުމުގެ ހަރަކާތް ކުރުކޮށް--

އާތިފް ބުނިގޮތުގައި އޮއިވަރު ގަދަވުމާއި ބާނި ބޮޑުވުމުން ފެތުމަށް މިއަދު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވި އެވެ. ނަމަވެސް ފެތުނު މިންވަރާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ބައިނަލްއަގުވާމީ ފެތުންތެރިޔާ މައިކް ބުނީ މިއަދުގެ ދިގު ފެތުމުގެ ސަބަބުން ޓީމެއްގެ ގޮތުގައި ތިބެ ޓާސްކު ފުރިހަމަ ކުރުމަށް ހިތްވަރު ލިބުނު ކަމަށެވެ.

އިތުރު ހަ ބައިވެރިން ވެސް ތިބީ މިއަދުގެ ފެތުމާމެދު ވަރަށް ހިތްހަމަ ޖެހިގެންނެވެ.

ރާއްޖޭގައި މިހާތަނަށް ފެތި އެންމެ ދިގު ފެތުން މިއަދު މި ޓީމުން ފަތާފައިވާއިރު ވޭތުވެދިޔަ ފަސް ދުވަހު ޖުމުލަ 30.5 ކިލޯ މީޓަރަށްވުރެ ދުރަށް ވަނީ ފަތައިފަ އެވެ. ހޮނިހިރު ދުވަހު މި ހަރަކާތް ނިންމާއިރު ޖުމުލަ 43.7 ކިލޯ މީޓަރަށް ފަތަން ވަނީ ހަމަޖައްސައިފަ އެވެ.

ދިގު ފެތުމަށް ފަހު ޓީމުގެ ބައިވެރިން މިހާރު މިތިބީ ކަމަދޫގަ އެވެ. މިރަށުގެ ކުޑަ ކުދިންނާއި އަންހެނުންނަށް ފަތަން ފަސްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު ހަވީރު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.