ބަރުލަމާނީ ނިޒާމެއް ގެންނަން ހެޔޮނުވާނެ: ގާސިމް

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ހެޔޮނުވާނެ ކަމަށާއި އެއީ ރައްޔިތުންނަށް އެއްވެސް ފައިދާ ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.


މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ގާސިމް އެހެން ވިދާޅުވިއިރު، އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އަށް މަޖިލިހުގެ ގިނަ ގޮނޑިތަކެއް ލިބިއްޖެ ނަމަ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ޚާއްސަކޮށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މި އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާއިރު، އެމަނިކުފާނަށް އެ ގޮނޑި ކާމިޔާބު ކުރެއްވިއްޖެ ނަމަ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން މަޖިލިހުގެ ތެރެއިން އެމްޑީޕީން ކުރާ މަސައްކަތްތައް ވަރުގަދަވާނެ ކަމުގެ އަޑު ވެސް ވަނީ ފެތުރިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ގާސިމް މިރޭ ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމަކީ ފައިދާއެއް ނެތް އަދި އެކަމާ މެދު ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާ ބޭފުޅަކު ތާއީދު ހޯއްދަވަން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ޖެހޭއިރު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތާއީދު ހޯއްދަވަން ވަޑައިގަންނަވަން ޖެހޭނީ ހަމައެކަނި އެ ބޭފުޅަކު ވާދަކުރައްވާ ދާއިރާ އަކަށް ކަމަށެވެ. އެހެން އެކަން އޮންނައިރު، ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރާއި ސަރުކާރުގެ މިނިސްޓަރުން ވެސް އިންތިޚާބު ކުރާނީ އެ މެމްބަރުންގެ ތެރެއިން ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެހެންވެ، މިނިސްޓަރުން ގޯހެއް ހެއްދެވިޔަސް އެކަމަށް ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާނީ މަދު މެމްބަރުންތަކެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖޭޕީން މިރޭ ބޭއްވި ޖަލްސާ ގައި އެ ޕާޓީގެ ލީޑަރު ގާސިމާއި އެހެން ބައެއް އިސްވެރިން: ޖޭޕީގެ ވިސްނުން ބަރުލަމާނީ ނިޒާމާ ދެކޮޅު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ދެން ކިހިނެއްތޯ ހައްދަވާނީ؟ ހަތަރެސްކަން ހަމަވީ ދެއްތޯ؟ އެހެންވީމާ މިއީ [ބަރުލަމާނީ ނިޒާމެއް ގެނައުން] ދެކޮޅު ޖެހޭ ކަމެއް ނޫން ރާއްޖޭގެ ނިޒާމަށް ބަލާއިރު،" ބަރުލަމާނީ ނިޒާމުގެ ދޯހަޅިކަން ހާމަކޮށްދެއްވަމުން ގާސިމް ވިދާޅުވި އެވެ.

"މިއީ އެއްގޮތަކަށް ވެސް ތާކުންތާކު ޖެހޭ، ހެޔޮވާވަރުގެ ކަމެއް ނޫން. ހޭބުއްދި ހުރި އެއްވެސް ދިވެހި ރައްޔިތަކު މިކަން ގަބޫލެއް ނުކުރާނެ."

ގާސިމް އެހެން ވިދާޅުވިއިރު، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ ވިސްނުމުގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެވެ. ޚާއްސަކޮށް ނަޝީދުގެ ތާއީދު އެކަމަށް ބޮޑެވެ.

ގާސިމް ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމަކުން ހޮވޭ ރައީސަކީ އެއްވެސް ޒިންމާއެއް ނެތް، ހަމައެކަނި ނަން ބޯޑެކެވެ. އޭގެ ބަދަލުގައި، ވެރިކަމުގެ ހުރިހާ ކަމަކާ ހަވާލުވެ ވަޑައިގެން ހުންނަވާނީ ކުޑަކުޑަ ރަށަކުން ނުވަތަ ދާއިރާ އަކުން އިންތިޚާބު ވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތުމަށް، ޖުމްހޫރީ ޕާޓީން ތާއީދު ކުރަނީ ރިޔާސީ ނިޒާމެއްކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ކުރިން ރާއްޖޭގައި ބޮޑުވަޒީރަކު ވެރިކަން ކުރެއްވިއިރު، އައި ބަދަލުތައް ތަޖުރިބާ ކޮށްފައިވާ ކަަމަށާއި އެގޮތް ދެން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ އެއް ޕާޓީ އަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޖޭޕީން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން، (ކ-ވ) އެފްއޭއެމްގެ ކުރީގެ ނައިބު ރައީސާ ނާޒިމާ، ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ވެސް އެކަން ތަޖުރިބާ ކޮށްފައިވާ ކަމަށާއި އެއް ޕާޓީ އަކަށް މަޖިލިހުގެ ސުޕަމެޖޯރިޓީ ދޭން، އެއްވެސް ރައްޔިތަކު އެއްބާރުލުން ދޭން ނުޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ކަންތައްތައް ދާނީ "ހިތުހުރި ގޮތަކަށް" ކަމަށް ވިދާޅުވި އެވެ.

"ތެދެއް، ބޭނުންވާ ގޮތަކަށް ހިލައެއް ނުލެވޭނެ އޭރަކުން. އެ ވާހަކަ ކަން ނޭނގެ އެ ދަންނަވަނީ. އެހެންވެ، [މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުން] އެއްގޮތަކަށް ވެސް އެއީ ހެޔޮވާވަރު ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގަކަށް އަރައި ނުގަންނަހާ ހިނދަކު ޖުމްހޫރީ ޕާޓީ އޮންނާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުގައި ކަމަށެވެ. އަދި މަސައްކަތް ކުރާނީ އެ މަނިކުފާނާ އަތުގުޅާލައިގެން ކަމަށާއި، އެކަން "ފަނިކުރަން" މީހަކު އުޅުނަސް ކާމިޔާބު ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.