ރައީސްގެ އިލްތިމާސް: ނާޖައިޒު ކަމެއް ހިނގާނަމަ، އަންގާ!

ސަރުކާރުގެ އޮފީހެއްގައި ނާޖައިޒު އެއްވެސް ކަމެއް ހިނގާ ކަމަށް ޝައްކުވިޔަސް، އެކަން ސަމާލު ކަމަށް ގެނެސްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.


"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލްއެއް ތައާރަފްކޮށްދެއްވައިފަ އެވެ. މިއީ، ކާކު ކަން ނޭނގޭ ގޮތަށް ކޮރަޕްޝަންގެ މައުލޫމާތު ހިއްސާ ކުރެވޭ ގޮތަށް ހެދި ޕޯޓަލެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވެބް ޕޯޓަލް އިފްތިތާހުކޮށް ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ރާއްޖެ އިން ފޮހެލައި، ގައުމު އިސްލާހުކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރެވޭނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ. ކޮރަޕްޝަންގެ ވަބާ ނައްތާލުމުގެ މަސައްކަތް ފެށޭނީ އަމިއްލަ ނަފްސާ ހަމައިން ކަމަށާއި އެކަމަށް ބޭނުން ވަނީ އިހްލާސްތެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަސް ކަމުގައި ހައްދަވަމާ ހިންގަވާ. ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް އެ ތަންތަން ހެދުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން އިންތިޒާމު ކުރެވިފައި ހުންނަން ވާނީ ހާމަކަން ބޮޑު ދެ ފުށް ފެންނަ ގޮތަށެވެ. އެ ތަންތަނުން ހިދުމަތް ދޭން ވާނީ ދުރާލައި ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ މުއައްސަސާތަކާ މެދު އާންމުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ކޮރަޕްޝަނާ މެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ ޒީރޯ ޓޮލަރެންސް،" ރައީސް ވިދާޅުވި އެވެ.

އެމަނިިކުފާނު ވިދާޅުވި ގޮތުގައި ޕޯޓަލްގެ މަގްސަދަކީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއި ހިޔާނާތުން ދައުލަތުގެ މުއައްސަސާތައް ސަލާމަތް ކުރުމެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި އެއްކަމަކީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭއްފުޅުންނާއި އެ ބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން ވަކި އުސޫލަކުން ހާމަކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ކެމްޕޭނަކީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް، ތަހަންމަލު ނުކުރާނެ ކަމުގެ ސިޔާސަތު ކަމަށެވެ. އެކަން ސާބިތުކޮށް ދިނުމަށް ނަޒާހަތްތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވާ އިރު، ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ދައުލަތުން ގެއްލުނު ފައިސާ ހޯދުން ކަމަށް ރައީސް ވިދާޅުވި އެވެ.

މަތީ މަގާމުތަކުގައި މަސައްކަތް ކުރާ މީހުންނަކީ ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އާއި ހިޔާނާތަށް ފާޅުގައި ނޫނެކޭ ބުނާނެ ހިތްވަރު ހުރި ބަޔަކަށް ވާނަމަ، ނާޖައިޒު ގޮތެއްގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އެންމެ ރައްޔިތަކު ވެސް މަސައްކަތެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަންގެ ވަބާ އިންތިހާ އަށް އޮތް ކަމަށް ބުނެ، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އެ ސަރުކާރަށް ބޮޑެތި ފާޑު ކިއުންތަކެއް އަމާޒު ކުރި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަންގެ މޫތައް މުހެލާނެ ކަމުގެ ވައުދާ އެކު އެވެ.