ރާއްޖޭގައި ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފަށައިފި

ސަރުކާރުގެ ހަރަދުގައި ރާއްޖޭގައި ޑިގްރީއަށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.


މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތުގައި، ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމް ލޯންޗުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތުގައި، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ ތައުލީމީ ހަޔާތަށް ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނަ ދުވަހެެއް ކަމަށެވެ. އަދި ރައީސްގެ ރިޔާސީ ދައުރުގައި ރަން އަކުރުން ފަވާލެވޭނެ އެއް ދުވަސް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި، މަތީ ތައުލީމް ފޯރުކޮށްދޭ ހުރިހާ ފަރާތެއްގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށެވެ.

ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމުގައިވާ އެމްއެންޔޫ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި މުޅިން ހިލޭ ކިޔެވޭނެ އެވެ. އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށް ބޮޑު ބައެއް ސަރުކާރުން ދައްކައިދޭނެ އެވެ.

ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، އެ އުސޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން ވަނީ 50 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. ނަމަވެސް ފައިސާ ދޭނެ ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.